ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތައް ރީބޫސްޓް ކުރަން ސަރުކާރުން އެހީތެރިވެދޭން ޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު ވަނީ މިއަދު ކޮވިޑް-19އިގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު އަޑި އަޅާލައިފައިވާ މި ޙައްޞާސް ދަނޑިވަޅުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ހުރިހާ ސިނާޢަތްތަކުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުންތައް ޢިއާދަ ކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ.

އެ ގަރާރުގައި ވަނީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އައިސް، ދުނިޔޭގެ ވައިގެ ބަނދަރުތައް ހުއްޓިފައިވާ ކަމާއި، ނިމިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، ދިވެހިރާއްޖޭގެ ބޯޑަރުތައް ވެސް ބަންދު ކުރެވިގެންދިޔަކަން ފާހަގަކުރައްވާފައެވެ.

"އެ މުއްދަތުގައި، 15 އެޕްރީލް 2020 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ވެރިރަށް މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސް، ފަތުރުވެރިކަމުގެ ސިނާޢަތުގެ ދަށުން ހިންގަމުންދާ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި، ސްވެނިއަރ ޝޮޕްތަކުގެ އިތުރުން ދިވެހި އިޤްތިޞާދުގެ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ އެންމެހާ ވިޔަފާރިތައް ކުއްލި ގޮތަކަށް ހުއްޓުމަށް މަޖުބޫރު ކުރެވިގެން ދިޔަ،" ޖާބިރުގެ އެ ގަރާރުގައިވެއެވެ.

އޭގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ވަނީ ކުއްލި ލޮޅުމެއް އައިސް އިނދަޖެހިފަވާ ޙާލަތެއްގައިކަަށް ޖާބިރުގެ އެ ގަރާރުގައި ވެއެވެ.

އިތުރަށް އެ ގަރާރުގައި ވަނީ މި ވިޔަފާރިތަކަކީ ދިވެހި އެންމެހާ އާއިލާތަކާއި ގުޅިފައިވާ އަދި ޒަމާނުއްސުރެ މި ވިޔަފާރިތައް ކުރަމުންދާ ފަރާތްތައް ހާލުގައި ޖެހި، އެ އާއިލާތަކުގެ ދުވަހުގެ ކޮއްތު ނުލިބޭ ފަނދަ އަނދަވަޅަކަށް ދިވެހިރާއްޖޭގެ މި ވިޔަފާރިތަކުގެ ހާލަތު ގޯސްވެފައިވާތީ ހުށަހަޅާ ޤަރާރެއް ކަމަށެވެ.

އެހެންކަމުން، ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތްތަކަށް ކޮރޯނާ ވައިރަހުގެ ސަބަބުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަން ހުއްޓި، ދިވެހި ސަރުކާރުން މި ދަނޑިވަޅުތަކަށް ވިޔަފާރިތައް ކުރިމަތިވެފައިވާ ގެއްލުންތައް ފުރިހަމައަށް އެސެސްކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

އަދި އެ ވިޔަފާރިތަކަށް ލިބިފައި ހުރި ގެއްލުންތައް އަލުން އިޔާދަކުރުމަށްޓަކައި ދިވެހި ދައުލަތުގެ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން ނަމަވެސް، ދިވެހި ސަރުކާރުން އެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތައް އިއާދަކުރުމަށް ލާޒިމުކުރުމަށް ދިވެހި ސަރުކާރަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

އެ ގަރާރާއި މެދު ޖާބިރު ވަގުތަށް ވިދާޅުވީ ވިޔަފާރިތަކަށް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަމަލު ކުރި ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ގެއްލުންތަކުން އަރައިގަތުމުގައި ސަރުކާރުގެ ދައުރު އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު މިފަދަ ގަރާރެއް ހުށަހަޅާފައިވާއިރު ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އަންނަނީ މިހާރު ލޯނުތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ތަޚާނުގެ ޢަލިދީދީ

  އަނެއްކާ އެތަށް މިލިޔަން ސަރުކާރުން ދަވާލާންދޯ ތިޔަ ގަސްތުކުރަނީ؟ ތިޔަ ކުރަނީ ސަޅި ވިޔަފާރިއެއް ސޭޓު ޖާބިރު!

 2. ފެކްޓް

  އަދިވެސް ލިބޭވަރު މަދުވެގެން ހޭތަޣައްޔަރުވަނީ

 3. މުރުޝީދު

  ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް އިޔާދަ ކޮށްދެވޭނީ އެމީހަކަށް ލިބުނު ގެއްލުމުގެ ތަފުސީލު ހިތު ހުރި ގޮތަަކަށް ހުށަހެޅީމާ

 4. ބޯހަލާކު

  މިކަލޭގަ މަޖިލިހަ މިޔައީ މީނާގެ ވިޔަފާރި ކުރިައުވަންދޯ ؟

 5. ކާފަބޭ2020

  ހައުސިންއަށްދޫކޮށްފައިވާލޯނުތައް ފަސްކޮށްދިންމުއްދަތުހަމަވަނީ މިޙާލަތުގައި ލޯނަށްފައިސާދައްކާނކިހިނެއްބާ؟ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުލިންމައާފްކޮށްދީގެންމިތިބީ ބެންކުންއެލުއި ދިނީމަ ނަމަވެސްޙާލަތުބަދަލުނުވާނަމަ ކުލިހަމައަށްދެއްކޭނެބާ؟ ކުލިހަމައަށްނުލިބޭނަމަ ލޯނުދެއްކޭނެބާ؟ ޙައްލެއްބޭނުން!!!!!!