ކޮވިޑް-19ގެ ބަލި މަޑުކަން ރާއްޖެއިން ފެނިފައިވާ މި ހާލަތުގައި، ރިސޯޓްގެ އެކްސްކާޝަން ނުވަތަ މަސް ދަތުރުތަކަށް ވީހާވެސް މަދު ފަތުރުވެރިން ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ރިސޯޓް އިންޑަސްޓްރީގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވަނީ އެކްސްކާޝަނަށް ދާއިރު، އެކި ރިސޯޓްތަކުން ފަތުރުވެރިން ނުނެގުމަށާއި، އެ ރިސޯޓެއްގެ ފަތުރުވެރިން ގޮވައިގެން އެފަދަ ދަތުރެއްގައި ދާން ޖެހޭނީ އެމީހަކު ހުރި ރިސޯޓެއްގެ އެކަމަށް ހާއްސަ ކުރެވިފައިވާ މުވައްޒަފުން ކަމަށެވެ.

މިފަދަ ދަތުރުތަކުގައި ކޮވިޑް-19ގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ފަތުރުވެރިއަކު ނުގެންދިއުމަށާއި އެފަދަ ދަތުރުތައް ދާއިރު، ވީހާވެސް މަދު ބަޔަކު ދިއުމަށާއި އިޖުތިމާއީ ގައިދުރުކަން އިސްކުރެވޭނެ ގޮތަށް ދަތުރުތައް ގެންދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން އެދަތުރެއް ކުރާ އުޅަނދެއްގައި ފަތުރުވެރިންނަށް ގައިދުރުކަން އިސްކޮށްގެން ތިބެވެން ޖެހޭނެ ކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ. އަދި އެއްވެސް ހާލަތެއްގައި އެކަކު އަނެކަކަށް ކައިރިވެވޭ ވަގުތު މާސްކު ނާޅާ ނުތިބުމަށް ވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުންވެސް މި އުސޫލުގައި ބުނެފައިވަނީ، އެފަދަ ދަތުރުތަކުގައި ފަތުރުވެރިން ގެންދާ ކާއެއްޗެހި ނުވަތަ ބޯ އެއްޗެހި އެހެން މީހުންނަށް ދީގެން ނުވާނެ ކަމަށާއި ދަތުރުމަތީ ސައިބޯނި ނުވަތަ ސެނިޓާއިޒާ ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އަދި ދަތުރު ނިންމާލުމަށްފަހު، އެދަތުރު ކުރި އުޅަނދަކާއި، ބޭނުން ކޮށްފައިވާ ސާމާނު ޑިސްއިންފެކްޓް ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މިއުސޫލުގައި ރިސޯޓުގެ މުވައްޒަފުން، ކޮވިޑް-19 ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންތަކަށް ބަލައިގެން ރިސޯޓުގައި ހަރަކާތްތެރިވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަަރުން

    ޢަޅުގަނޑުމެން ތިބޭނީ ދިވެހި ގައުމުގެ ހައްގުގަ....