މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި ލިބުނު މިންވަރު ފުރަތަމަ ކުއާޓަރަށް ވުރެ އިތުރުވެއްޖެއެވެ.

އެ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި ލިބުނީ ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާއެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި އެމްޓީޑީސީ އަށް ވަނީ ސާފު ފައިދާގެ ގޮތުގައި 6 މިލިއަނެއްހާ ރުފިޔާ ލިބިގެން ގޮސްފައެވެ.

ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 13 މިލިއަނެއްހާ ރުފިޔާ ލިބިފައިވާއިރު ޖުމްލަ ފައިދާގެ ގޮތުގައި 9 ވަރަކަށް މިލިއަން ރުފިޔާ އެކުންފުންޏަށް ވަނީ ފައިދާގެ ގޮތުގައި ލިބިގެން ގޮސްފައެވެ.

އެމްޓީޑީސީން އެންމެ ބޮޑަށް ކުޑަ ކޮށްފައި ވަނީ އެކުންފުނީގެ ހިންގުމުގެ ހަރަދެވެ. ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދު 307,088 ޑޮލަރުގައި ހުރިނަމަވެސް މި ކުއާޓަރުގައި މިއަދަދު ވަނީ 303,080 ޑޮލަރަށް ދަށްކޮށްފައެވެ.

އެމްޓީޑީސީ އަކީ ޓޫރިޒަމުން ރައްޔިތުންނަށް ފައިދާ ހޯދައިދިނުމުގެގޮތުން އުފެއްދި ކުންފުންޏެކެވެ. އެކުންފުންޏަށް އަނެއްކާވެސް ވަނީ ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީކުރަން ހަވާލުކޮށްފައެވެ. މިއީ މިރަށް އެމްޓީޑީސީއާ ހަވާލުކުރި ތިން ވަނަ ފަހަރެވެ. ޓޫރިޒަމް މިނިިސްޓްރީއާއެކު މިފަހަރު ވެވުނު އެއްބަސްވުމުގެ ދަށުން ތިން އަހަރު ތެރޭގައި ރަށް ތަރައްގީކޮށް ހިންގަން ފަށަން ޖެހޭނެއެވެ.

އެމްޓީޑީސީއާ ނާގޯށި ފުރަތަމަ ހަވާލުކުރީ 25 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ރިސޯޓު ތަރައްގީ ކުރަން ދިން މުއްދަތު ހަމަވިއިރު ވެސް އެ ރިސޯޓު ތަރައްގީ ނުކުރެވުމުގެ ސަަބަބުން އެއްބަސްވުން ބާތިލް ކުރިއެވެ.

އޭގެ ފަހުން އަނެއްކާ ވެސް 2017 ވަނަ އަހަރު އެ ރިސޯޓު ތަރައްގީ ކުރަން އެމްޓީޑީސީއާ ހަވާލުކުރި އެވެ. ނަމަވެސް އެ އެއްބަސްވުމުގައި، ކުރު މުއްދަތެއްގެ ތެރޭގައި ދަރަނި ދެއްކުމަށް ބުނެފައި އޮތުމުން އިންވެސްޓަރަކު ނުވެ ރަށް ތަރައްގީ ނުކުރެވުނު ކަމަށް އެމްޓީޑީސީން ބުންޏެވެ.