އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަން އިންސްޕެކްޓް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިންސްޕެކްޓަރުން ހަރަކާތްތެރިވާން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އެކަން ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ އަންނަ ހަފްތާއިން ފެށިގެން ކަމަށެވެ. އަމީން ވިދާޅުވީ އެގޮތަށް އިންސްޕެކްޓު ކުރުމަށް ނިންމާފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކަމަށެވެ.

މިނިސްޓަރު ވަނީ މި މަހަކީ ނާޒުކު މަހަކަށް ވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮވިޑަށް ގިނަބަޔަކު ފައްސިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ފައްސިވާ ނަމަ ބަލީގައި ނިޔާވާ މީހުން އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އިތުރަށް ފުރަބަންދަކަށް ދާން ބޭނުން ނުވާ ކަމަށާއި ދީފައިވާ ލުއިތައް ވެސް އަނބުރާ ގެންދަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ. ބަލީގެ ހާލަތު އިތުރަށް ގޯސްވަނީ ހެދިފައިވާ ގައިޑްލައިންތަކަށް އާއްމުން ތަބާނުވާތީ ކަމަށް އަމީން ވިދާޅުވިއެވެ.

"އަންނަ ހަފްތާގައި މާލޭގެ އެކި ސަރަޙައްދުތައް އިންސްޕެކްޓް ކުރަން އިންސްޕެކްޓަރުން އެބަ ނެރެން. މީހުން ތަންތަނަށް ނުކުމެ އުޅޭއިރު އެމީހުންގެ އުޅުން އިންސްޕެކްޓް ކުރާނަން،" ހެލްތު މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3949 އަށް އަރާފައެވެ. އޭގެ ތެރެއިން 2613 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބީ 1305 މީހުންނެވެ.