ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައާއި އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި (އެއްވެސް ޤަޢުމެއްގެ އިޚްތިޞާޞް ތެރޭގައި ނުހިމެނޭ ސަރަޙައްދުގެ ތެރޭގައި) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ޝައުޤުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީ އިން ދައުވަތު ދެއްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މިކަމަށް ކޯޓާ ވިއްކުމަށް ހަމަޖެހިފައި ވަނީ ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދު އާއި ބޭރުކަނޑުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ ދޫކުރުމުގެ އުޞޫލުގެ ދަށުންނެވެ. މިގަވާއިދު އަދި އުޞޫލު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް (www.fishargi.gov.mv) އިން ލިބިވަޑައި ގަންނަވާނެއެވެ.

2018 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2018 ވަނަ އަހަރުގެ މެއި 31 ގެ ނިޔަލަށް ވިއްކުމަށް ހަމަޖެހިފައި ވަނީ 15000 (ފަނަރަ ހާސް) މެޓްރިކް ޓަނުގެ ކޯޓާ ކަމަށް އިއުލާންގައި ވިދާޅުވެފައި ވެއެވެ. ކޯޓާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން މިއަދަދަށްވުރެ ގިނައިން ކޯޓާއަށް އެދި ހުށަހަޅާފައިވާ ނަމަ، ކޯޓާ ދޫކުރާނީ ނީލަމުގެ އުޞޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ލޭނު މަސްވެރިކަމުގެ ކޯޓާއަށް އެދި ހުށަހަޅުއްވަން ވާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ، "ލޭނު މަސްވެރިކަމުގެ ކޯޓާ ގަތުމަށް އެދި ހުށަހަޅާ ފޯމް" އިން ކަމަށް ފިޝަރީޒް މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.

ބައްލަވައި ގަންނަ ކޯޓާގެ ދަށުން ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގައި ބިދޭސީން ހިމެނޭނެ ނިސްބަތް (އިން ސައްތައިން) ސިޓީގައި ބަޔާންކުރަން ޖެހޭނެއެވެ.

ލޭނުމަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ލޭނުމަސްވެރިކަމުގައި ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެ އެންމެ މަތީ ނިސްބަތަކީ އެއުޅަނދެއްގައި ޙަރަކާތްތެރިވާ ޖުމުލަ ފަޅުވެރިންގެ 80 އިން ސައްތައެވެ. ނަމަވެސް މިމާއްދާގެ ދަށުން ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އިތުރު ފީއަކާ އެކު ލޭނުމަސްވެރިކަން ކުރާ އުޅަނދުގައި ބިދޭސީން ގެންގުޅުމުގެ ނިސްބަތް 90 އިން ސައްތައަށް އިތުރު ކުރެވިދާނެއެވެ.

ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ކޯޓާއަށް އެދި ސިޓީ ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 15 މެއި 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ނަމަވެސް މިމުއްދަތުގައި ކޯޓާއަށް އެދި ހުށަހަޅާފައިވާ ޖުމުލަ އަދަދު 15000 މެޓްރިކް ޓަނަށް ވުރެ މަދުވާނަމަ، މިއަދަދު ހަމަވަންދެން، ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން 31 މެއި 2019 ގެ ނިޔަލަށް ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީގެ އިއުލާންގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބު

    މީގެ ކުރިން ލޭނުއެޅުމަކީ މަނާކަމެކޭ ކިޔާފަ އަހަރެމެން އަތުގައި ހުރި ލޭނުއަޅަން ބޭނުންކުރާ އާލާތްތަށް ނުއަގުގައި ނެގުމަށްފަހު އަނެއްކާ މިވަނީ ކޮންކަހަލަ ހިޔާނާތެއް