އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްލި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ކުރިން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން މިއަދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާ ރޭޕްކޮށްލި ކަމަށް ބުނާ މައްސަލައިގައި އިތުރު ބަޔަކު ހިމެނޭ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަވެފައި ނުވާ ކަމަށެވެ. އެހެންވެ، މި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދެއްކިއެވެ. އަދި އަންހެން މިހާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމަށް ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރު ވެފައިވާ އިރު، އެކަންކަމާ ދެކޮޅަށް މާލޭގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފައެވެ.