ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތައް މާސްކް އެޅުން އިސްތިސްނާވާނެ ކަމަށް އެ އެޖެންސީން ވިދާޅުވެއްޖެއެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގެއިން ބޭރުގައި އުޅޭއިރު
އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާގޮތަށް މާސްކު އެޅުން މަޖުބޫރު ވާނެ އެވެ.

އެހެން ނަމަވެސް ވަކި ހާލާތްތަކުގައިވާ ފަރާތްތައް، ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭއިން ބަޔާންކޮށްފައި ވެއެވެ.

އެގޮތުން އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުގައި މާސްކް އެޅުން އިސްތިސްނާވާނެއެވެ. އަދި އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންވެސް މާސްކް އެޅުން އިސްތިސްނާ ވާނެއެވެ.

އަދި އެޗް.ޕީ.އޭ އިން އާންމު ކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައްވެސް މާސްކް އެޅުން އިސްތިސްނާ ވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، މާސްކް ނާޅައި އާއްމު ތަންތަނުގައި އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އާއްމު ތަންތަނުގައި މާސްކް އަޅައިގެން އުޅޭތޯ ފުލުހުން ބަލަމުން ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ހޮޓާ ރެސްޓޯރަންޓްތައް ބަންދުކޮށްބަލަ ކިހާބޮޑުކަމެއްތަމީ، އެތިބެނީ 2 ފޫޓު ނުހުންނަ ވަރުގެ ކުޑަ މޭޒެއްގެ ދެފަރާތުގައި މާސްކެއް ނާޅާތާނގަ ހީސަމާސާކޮށް މަޖަލުގަ ކުޅުބުރާނެކަން ޔަޤީން.