ދަނގެތި ދާއިރާގެ މެމްބަރު، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް، އެ ދާއިރާގެ ރައްޔިތުންނަށް 14,000 މާސްކު ހަދިޔާ ކޮށްފިއެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19އާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭނާ ތަމްސީލު ކުރާ ދަނގެތި ދާއިރާގެ ސްކޫލް ދަރިވަރުންނާއި އަދި ރައްޔިތުން ހިމެނޭ ގޮތަށް ބޭނުން ކުރުމަށް 14,000 ރިޔޫސަބަލް ފޭސް މާސްކު ހަދިޔާކޮށްފައިވާ ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް އަންނަނީ ކޮވިޑާ ގުޅިގެން ގިނަ ފަރާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ނާޒިމް އަފާ ފައުންޑޭޝަނުން މީގެ ކުރިން ވަނީ ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް، ޕީޕީއީގެ 6000 އައިޓަމްސް ހަދިޔާކޮށްފައެވެ.

އަދި މީގެ އިތުރުން ނާޒިމް އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލާފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ދެމެހެއްޓެނިވި އުސޫލެއް ބޭނުންވެއެވެ.

ނާޒިމް ވަނީ ގައުމާއި އިގްތިސާދު ފުރަބަންދުކޮށްގެން ތިބުމުގެ ސަބަބުން މީހުންގެ އާމްދަނީ ގެއްލި ފަގީރުކަން އާންމުވެ އިޖުތިމާއީ ވަބާތައް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑް-19 އަށްވުރެ ގިނަ މީހުން ދުނިޔެ ދޫކޮށްފާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.