ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއަށް އެއްވެސް ބަދަލެއް ގެނެސްފައި އެ ދާއިރާގެ 26 ޕަސެންޓު ކުންފުނިތަކުން ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނެފިއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށްގެންދިޔަ ބިޒްނަސް ދިރާސާ ރިޕޯޓުގައިވާ ގޮތުން ވަޒީފާ އަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވަނީ މި ސާވޭގައި ބައިވެރިވި 26 އިންސައްތަ ކުންފުނިތަކުންނެވެ.

މި ދިރާސާ ކޮށްފައި ވަނީ ފަތުރުވެރިކަމާއި އިމާރާތްކުރުމާއި އަދި ހޯލްސޭލްއާ ރީޓެއިލް ހިމެނޭ ގޮތަށް ތިން ސިނާއަތަކުން ޖުމްލަ 93 ކުންފުންޏަކުން ބައިވެރިކޮށްގެންނެވެ. މި ދިރާސާގައި ބައިވެރިވި ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ އަދަދު ދަށްވެފައިވާއިރު އެންމެ ބޮޑަށް މުވައްޒަފުން ދަށްވެފައި ވަނީ ވެސް ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

މި ދިރާސާ ރިޕޯޓުގައިވާ ގޮތުގައި މުސާރަތަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވަނީ މި ސާވޭގައި ބައިވެރިވި 20 ޕަސެންޓު ކުންފުނިތަކުން ބުނެފައިވެއެވެ. ދިރާސާގައި ބައިވެރިވި ކުންފުނިތަކުން ބުނާ ގޮތުގައި ބޯޑަރު އަލުން ހުޅުވުމުން ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މަސައްކަތްތައް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދެވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ މަލީ ހާލަތު އިތުރަށް ހީނަރުވެފައިވާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށް ރިޕޯޓުގައިވެއެވެ. ސާވޭގައި ބައިވެރިވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ގިނަ ވިޔަފާރިތަކުން ތިން ބައިކުޅަ ދެބައި އަންދާޒާ ކުރާ ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓަރުގައި މާލީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ބުނި ގޮތުގައި ކޮވިޑް-19 ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު، ދެވަނަ ކުއާޓަރުގައި މި ސިނާއަތްތަކުގެ ވިޔަފާރި މީގެ ކުރިން ދަށަށް ނުދާ މިންވަރަށް ވަނީ ދަށްވެފައެވެ.