އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން އާއްމު ފަރާތްތަކުން ހޯދަން ޖެހޭ ހިދުމަތްތައް ދިނުން ވަގުތީ ގޮތުން އެ ކޮމިޝަނުން މެދުކަނޑާލައިފިއެވެ.

އިލެކްޝަންސް އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް-19 ގެ ނުރައްކާތެރިކަމުގެ ސަބަބުންނާއި އަދި އެ ބަލި ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެމުން އަންނަ އެއް ތަނަކީ އޮފީސް މާހައުލު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އީސީ އިން ބުނީ އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން އޯގަސްޓް ހަތަރަކުން ފެށިގެން ކޮމިޝަނުން ދެމުންދާ އާންމު ހިދުމަތްތައް އީމެއިލް އަދި އީ-ގަވަމެންޓް (ޖެމްސް) މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން އެ ކޮމިޝަނުގެ ރަސްމީ ގަޑިއަކީ މާދަމާ އިން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކަމަށްވެސް އިލެކްޝަނުން ބުންޏެވެ.

އިލެކްޝަނުން ބުނީ ބަލި ފެތުރުން ހުއްޓުވުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގައި އާއްމު ފަރާތްތަކުން އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ޖުލައި މަހުގެ 01 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ދެމެދު ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓްސްގެ އަދަދުތައް ދައްކާ ގޮތުގައި އޮފީސްތަކުން 655 ކޮންޓެކްޓްސް ފާހަގަ ކުރެވިފައި ވެއެވެ. އެއީ ކޮންޓެކްޓްސްގެ %31 އެވެ. އެންމެ މަދުން ކޮންޓެކްޓްސް ފާހަގަ ކުރެވުނު މިސްކިތްތަކުން ފާހަގަ ކުރެވިފައި ވަނީ އެންމެ ކޮންޓެކްޓެކެވެ.

ސިއްހީ ޚިދުމަތްދޭ ތަންތަނުން 303 ކޮންޓެކްޓްސް ފާހަގަ ކުރެވިފައި ވާއިރު ކެފޭ ނުވަތަ ރެސްޓޯރެންޓްތަކުން 154 ކޮނެޓެކްޓްސް ފާހަގަ ކުރެވިފައިވެއެވެ. ފިހާރަތަކުން 89 ކޮންޓެކްޓްސް ސަރުކާރުން ބަލަހައްޓާ ކެއާ ފެސިލިޓީތަކުން 76 ކޮނެޓްކްޓްސް ޓާމިނަލްތަކުންނާއި އާއްމުން އެއްވާ ތަންތަނުން 74 ކޮނެޓެކްޓްސް ފާހަގަ ކުރެވިފައި ވެއެވެ.

މީގެ އިތުރުން އުޅަނދުތަކުން 44 ކޮނެޓްކްޓްސް ޖިމްތަކުން 35 ކޮނެޓެކްޓްސް ސްކޫލްތައް ނުވަތަ ތައުލީމްގެ ޚިދުމަތްދޭ ތަންތަނުން 28 ކޮންޓެކްޓްސް ފާހަގަ ކުރެވިފައިވެއެވެ.

އޮފީސްތައް ފިޔަވައި މަސައްކަތުގެ މާހައުލުން 564 ކޮންޓެކްޓްސް ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް އެތަންތަނުގެ އިތުރު ތަފްސީލެއް އެޗްއީއޯސީން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު