ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާ އެކު މަސައްކަތް ކުރާނެ މަންދޫބުން ހޯދަން އެ ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

އިލެކްޝަންސްގެ އެ އިއުލާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް 179 ރަށު ފޯކަލް ޕޮއިންޓުންނާއި 18 އަތޮޅު ފޯކަލް ޕޮއިންޓުން އަދި އައްޑޫ އާއި ފުވަމުލަކު ސިޓީން ފޯކަލް ޕޮއިންޓުން ހޯދަން ބޭނުންވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، އެ މަންދޫބުން ކުރަން ޖެހޭނެ މަސައްކަތަކީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނާއި ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްގެ އިދާރާއާ ދެމެދު ހިންގާ ހުރިހާ މުޢާމަލާތްތަކުގައި މެދުވެރިއެއްގެ ރޯލް އަދާކުރުމެވެ.

މަންދޫބުންނަށް އުޖޫރައެއްގެ ގޮތުގައި ކޮންމެ ދުވަހަކު ވެސް 200 ރުފިޔާ ދޭނެއެވެ. އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 150 ރުފިޔާ ދޭނެއެވެ.

އެ މަސައްކަތަށް ކުރިމަތިލެވޭ ޝަރުތުތަކު ތެރޭގައި

ކައުންސިލް އިދާރާއެއްގައި މަސައްކަތް ކުރާ މީހަކަށް ވުން

އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަގާމެއް ފުރާ މީހަކަށް ނުވުން

އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތެެއްގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން

އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ އާއިލާ މެންބަރަކަށް ނުވުން

ސިޔާސީ އިސް ރޯލެއް އަދާ ކުރާ މީހެއް ކަމުގައި ނުވުން

ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަފީފާ

    މަވެސް ހަމަ ކަމުދާނެ ތިޔަކަމަށް.