ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މުޅި ރާއްޖޭގައި ފެތުރެމުންދާއިރު މިދުވަސްވަރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19އިން ފެނިގެން މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދާތާ ދެ މަސް ވާން ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބާއްވަން ނިންމައި، އެ ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފައެވެ. އަދި މަޖިލީހުގެ ޖަލްސާތައް އަޟްހާ އީދުގެ ބަންދާއި ޖެހެންދެން މެދުކަނޑާލިއިރު ވެސް ޖަލްސާތައް ކުރިޔަށް ގެންދިޔައީ އެ އުސޫލުގެ ތެރެއިންނެވެ.

އެގޮތުން މަޖިލީހުގެ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުންނެވެ. އަދި އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގަވާފައިވާ ދުރުމިނުގައެވެ. އަދި އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އިށީނދެވަޑައިގެން ތިއްބަވާއިރު މެންބަރުން ތިއްބަވަނީ މާސްކު އަޅުއްވައިގެންނެވެ. ކައިރީގެން އެހެން މެންބަރަކު އިންނެވި ނަމަ ވާހަކަދައްކަވާއިރު މަޖިލީހުގެ ރިޔާސަތުން ޖެހިގެން އިންނަވާ މެންބަރު ދުރަށް ވަޑައިގަތުމަށް އަންގަވައެވެ.