އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން ހަމަޖައްސައިފިއެވެ.

ވޯޓު ފޮށިތަށް ބަހައްޓަން ހަމަޖައްސާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ސްރީލާންކާގެ ކޮލޮމްބޯ އަދި ކެންޑީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް އާއި ބެންގަލޫރު އަދި މެލޭޝިޔާގެ ކުއަލާލަމްޕޫރުގައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ޕްރައިމަރީ މެއި 30 ވަނަ ދުވަހު ބާއްވަން އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެޕާޓީގެ މެމްބަރުންގެ ދަފްތަރަކީ އެ ޕާޓީން ކަނޑައަޅާ ހަމަތަކެއްގެ މަތީން ނިންމާ ދަފްތަރަކަށް ވާންޖެހޭނެ ކަމަށެވެ. ވުމާއި އެކު ޕްރައިމަރީގައި ވޯޓުލުމުގެ ޙައްގު ލިބޭނީ މެއި މަހުގެ 15 ގެ ނިޔަލަށް އެޕާޓީގެ މެމްބަރޝިޕްކަން ހޯދައިވާފައިވާ މެމްބަރުންނަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓް ކަޑައަޅާނީ ވަކި ޕާޓީ ތަކުގެ ޕްރައިމަރީއަކަށް ފަހު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށާއި އެ އެއް ކެންޑިޑޭޓް ކަނޑައަޅާނީ ވަކި ޕާޓީތަކުގެ ޕްރައިމަރީއަކަށް ފަހު ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ރޫހާނީ ލީޑަރު ނަޝީދު އެކަނި ވާދަ ކުރާއިރު ދެން ކާކަށް ދައްކަން ބާއްވާ ޕްރައިމަރީއެއްތަ؟

  2. Miadhu

    މިއީ ހާދަ މޮޔަގޮލައެކެދޯ ޕާޓީ ކުދިންކޮޅު ގުބޯ ހަހދައިގެން އުޅެންވެސް ތިއީ ވާ ބޮޑުވަރު