މިހަފްތާގައި ސަރުކާރު އޮފީސްތައް ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވާފައި ވީނަމަވެސް ކޯޓުތަކުން ޝަރީޢަތްތައް ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކަށް އަންގައިފިއެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ސޮއި ކުރައްވާ މިރޭ ކޯޓުތަކަށް ފޮނުއްވެވި ސާކިއުލާއެއްގައި ވިދާޅުވީ ކޮވިޑް-19 މުޖުތަމައުތެރޭގައި ފެތުރެމުންދާ ރަށްރަށުގައި ދަށު ކޯޓުތަކުންނާއި އިސްތިޢުނާފު މަރުޙަލާގެ ކޯޓުތަކުން އެކޯޓެއްގެ ފަނޑިޔާރުން ނިންމަވާގޮތެއްގެ މަތިން ޝަރީޢަތްތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ދަންނަވާ ކަމަށެވެ.

އަދި ކޮވިޑް-19 ބަލި ފެތުރެމުންނުދާ ރަށްރަށުގެ ކޯޓުތަކުގެ ޝަރީޢަތްތައް ޖޭއެސްސީ އިން ކުރިން ނެރެފައިވާ ސާކިއުލާގައިވާ ގޮތުގެމަތިން ކުރިއަށް ގެންދެވުމަށް ވެސް މިރޭގެ ސާކިއުލާގައި ވަނީ ވިދާޅުވެފައެވެ.

ޝަރީޢަތްތައް ކުރިޔަށް ގެންދާއިރު ކޮންމެހެން މަސައްކަތަށް ނެރެން ޖެހިގެން ނެރޭ މުވައްޒަފުންގެ ތެރެއިން 60 އަހަރުން މަތީގެ މުވައްޒަފުންނާ، އެޗްޕީއޭ އިން އެބަލިކެއް ހުރުމުން ކޮވިޑް-19 ޖެހިގެން ހާލުބޮޑުވުމުގެ ހިރާސް އޮތްފަދަ ބަލިތައްކަމަށް ނިންމާފައިވާ ބަލިތައް ހުންނަ މުވައްޒަފުން މަސައްކަތަށް ނުނެރެވޭކަން ޔަޤީންކުރުމަށް ސާކިއުލާގައި އަންގާފައި ވެއެވެ.

ހަމަ އެހެންމެ ކޯޓު ނުހުޅުވާ މަސައްކަތްކުރަ މުއްދަތުގައި ގެއިން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގޭގައި ކުރެވޭނެ މަސައްކަތްތައް ގެއިން ކުރުމަށް ބާރު އެޅުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.

"ދައުލަތުގެ އިދާރާތައް ނުހުޅުވާގޮތަށް ހަމަޖައްސާފައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކަމަށްވާތީ، އިޖްތިމާޢީ ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި މި ބަންދުގެ މުއްދަތުގައި ޝަރުޢީ ދާއިރާގެ އެއްވެސް މުވައްޒަފަކު ޒަރޫރީ ބޭނުމެއްގައި މެނުވީ، ގެއިން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކުރަމެވެ" ސާކިއުލާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަނބު

    ޝަރުޢީ ދާއިރާއަކީ ޕްރައިވެޓް ސެކްޓަރ އަކަށް ވީމަ ދޯ ކޯޓްތައް ހުޅުވަން ޖެހެނީ.