ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ވާތީ އެ ބިދޭސީން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 15 ދިވެހި މުވައްޒަފުން އެ ރަށުން ފޭބުމަށް މަސައްކަތް ކުރުމުން ރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބަޔަކު އެކަމަށް ވަނީ ހުރަސް އަޅާފައެވެ. އަދި އެމީހުން [ދިވެހިން] ރަށުން ފޭބިޔަ ނުދީ އެމީހުން ބޮޑުފިނޮޅުގައި ރަހީނުކުރިއެވެ. އެ ބިދޭސީން އެގޮތަށް ކަންތައް ކޮށްފައި ވަނީ އެމީހުންނަށް ލިބެންޖެހޭ މުސާރަ ދީފައި ނުވާތީއެވެ.

އެ މައްސަލާގައި ފުލުހުން ބޮޑުފިނޮޅަށް ގޮސް ބައެއް ބިދޭސީން ހައްޔަރުކުރިއެވެ. އަދި ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުވެސް ކޮށްދިނެވެ. ނަމަވެސް ފަހުން ފުލުހުން އެމީހުން ދޫކޮށްލިއެވެ. ފުލުހުން އެމީހުން ދޫކޮށްލީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭގެފަހުން އެ މީހުން ހަވާލުކޮށްފައިވަނީ އިމިގްރޭޝަނާއެވެ.

ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމީހުން އިމިގްރޭޝަނާ ހަވާލުކޮށްފައި ވަނީ ޑީޕޯޓު ކުރުމަށް ކަމަށް ބުނެ ކަމަށެވެ. އިމިގްރޭޝަންގެ ގާނޫނާ ހިލާފު ނުވާ ބަޔަކު ރާއްޖެއިން ފޮނުވާލުމަށް އިމިގްރޭޝަނާ ހަވާލު ކުރުމުގެ ބާރަކީ ފުލުހުންނަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށް ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައިވެއެވެ.

ތުހުމަތެއްގައި ހައްޔަރުކުރާ ބައެއް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަންދު ކުރުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ކަން އޮންނަ ގޮތް ނޫން ކަމަށާއި ގާނޫނުގައި ބަޔާން ނުކުރާ ތަނެއްގައި ބަންދު ކޮށްފައި ބެހެއްޓުމަކީ އެންޓި ޓޯޗާ ގާނޫނާއިވެސް މުޅިން ހިލާފު އަމަލެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައްސި

    ޥަކީލުންގެ ދަރިންނާްި އާއިލާ މީހުންނާއި ދެވައިގެން ގެންގުޅެންވީނުން ، ތިކަހަލަ ވާކީލުންނާއި ހެދީ މިގައުމު ހަލާކުމިވަނީ! ތި ވަކީލުންގެ ޓީމަށް ހަލާކު ހުރި!