މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ މާދަމާގެ އަޑުއެހުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކެންސަލް ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެ އަޑުއެހުން ކެންސަލް ކުރުމަށް ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ވަކީލުން ކޯޓުގައި އެދިފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވި ކަމާއި އެކުގައި ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 8ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އޮތީ، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ 75 އިސްތިޢުނާފީ ނުކުތާތަކާއި ގުޅިގެން ހުލާޞާގޮތެއްގައި ވާހަކަފުޅު ދެއްކެވުމާއި، އެ ނުކުތާ ތަކާއި ގުޅިގެން، ދަޢުލަތުން ދެއްވާފައިވާ ރައްދާއި ގުޅިގެން ހުލާޞާގޮތެއްގައި ވާހަކަފުޅު ދެއްކެވުމެވެ.

އެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ހުރީ އަދީބުގެ އަތްޕުޅުގައި ކަމަށެވެ. އެ ފައިސާ އާއި ހަވާލުވާން ދިޔައީ އަދީބާއި އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ވެސް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ. މީގެކުރިންވެސް އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތް ކުރުމަށް އެމަނިކުފާނަށް ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ފައިސާ އަކީ ކޮންތަނަކުން ލިބިވަޑައިގެންނެވި ފައިސާއެއް ކަމެއް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީން އެ ދުވަހު ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލުމާއި ހަމައިން ވެސް އެފައިސާ ހުންނެވީ އަދީބުގެ އަތްޕުޅުގައި ކަމަށެވެ.

“ފަހަރެއްގައިވެސް ވޮޑަމުލާގެ ފައިސާ ހޯދާކަން ނޫން. ހަމަ ތެދެއް މި ދަންނަވަނީ، ވޮޑަމުލާ އަކީ އޮންނަ ރަށެއްކަންވެސް އެނގުނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ތެރެއިން. އެއީ އަޅުގަނޑުގެ ސަރުކާރުން ދޫކުރި ރަށެއްވެސް ނޫން. އެއީ ރައީސް މަޢުމޫނުގެ ސަރުކާރުން ދޫކޮށްފައިވާ ރަށެއް. އަދީބު މަސައްކަތް ކުރެއްވީ އޭނާގެ ވަރަށް ގާތް ދެ ރަޙްމަތްތެރިންނަށް އެ ރަށް ހޯދައިދޭން.” ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނީރު

    މިވީގޮތެއް ނޭގުނެއްނު

  2. ކަމަނަ

    މި ވީގޮތް ލިޔެފައޮއްވައި ނޭގުނަސްހެޔޮ ޔާމީނު ޖަލަށްލާފައިވަނީ ސިޔަސީ ބޭނުމަކަށް މީ ޔަޤީން ކަމެއް

  3. ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ

    ވޮޑަމުލާ ރައީސްޔާމީން އާއި އޮތީ ކޮންގުޅުމެއްކަން މިސަރުކާރުގައި ތިބިމީހުން ކިޔާދީބަލަ ހެއްކާއިއެކު ކޮންވޮޑަމުލާއެކޭތަ ތިކިޔަނީ މިސަތުކާރުގައި ތިބިމީހުނަށް ބުނެލާންއޮތީ އޭރުވެސް މިހާރުވެސް ރައީސްޔާމީން ނުކުރައްވާކަމެއް ރަސްއީޔާމީން ބޮލުގައި އަޅުވައިގެ އުޅޭހައި ދުވަހަކުވެސް ތިބައިގަނޑަށް ހަމަޖެހިލައިގެން ވެރިކަމެއް ކުރެވޭނެ މަގު މާތްﷲތިބައިގަނޑަށް ދުވަހަކުވެސް ނުދައްކަވާށި އާމީން