ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސަައިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ ޝަރީޢަތް ކުރިއަށް ގެންދަން ޤާނޫނީ ވަކީލަކު އައްޔަން ކުރަން އަލީ ހުސައިން އަށް ދެދުވަސް ކުރިމިނަލް ކޯޓުން ދެއްވައިފިއެވެ.

ވަކީލަކު އައްޔަން ކުރަން އަލީ ހުސައިން އަށް އިތުރު ފުރުސަތެއް ދެއްވީ މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައެވެ.

މިއަދުގެ ޝަރީއަތުގައި އަލީ ހުސެއިން ވިދާޅުވީ، ކޯޓަށް ހާޒިރުވުމަށް ޗިޓް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ރޭ ވަކީލަކު ހަމަޖެއްސިފައިވާ ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު 10:00 ގެ ކުރިން ފޯމް ނުލެވުމުން ވަކީލާއެކު ޝަރީޢަތައް ހާޒިރު ނުވެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސައިންގެ އިތުރުން ވެސް މިމައްސަލައިގައި 11 މެންބަރެއްގެ މައްޗަށް ދައުވާ ކުރެއެވެ. ނަމަވެސް އަލީ ހުސައިން ޤާނޫނީ ވަކީލަކު އައްޔަން ނުކުރާތީ މައްސަލައިގެ ޝަރީޢަތް ވަނީ ހުއްޓިފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ބާއްވާނެ ކަމަށާއި އެދުވަހު ވަކީލަކާއެކު ހާޒިރު ނުވެއްޖެނަމަ އެ މައްސަލަ ކުރިއަށް ގެންދަވަން ޖެހޭނީ ވަކީލަކާނުލައި އަލީ ހުސެއިން އަމިއްލަ އަށް ކަމަށް މިއަދު ފަނޑިޔާރު ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނުމަށް މެންބަރުން ކުރި މަސައްކަތާ ގުޅިގެން ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ އަލީ ހުސައިންގެ އިތުރުން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު ކުރީގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށް ދައުލަތުން ކުރެއެވެ.