ތ. ގުރައިދޫގައި މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ބިދޭސީއަކު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލައިފިއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާޙް އަލަމްއަށް ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ތ. ގުރައިދޫ ކަންޑަރު ސަރަހައްދުގައިހުރި ސައިޓެއްގެ ތެރޭގައި ފުން ޒަޚަމްތަކަކާއެކު ޝާޙް އަލަމް މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލާގައި ބަބުލް މިއަހް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެ ބިދޭސީ މީހާ މަރާލާފައި ވަނީ، ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. ޒަޚަމްތަކާއެކު އެމީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ތަނުންނެވެ. މި މީހާ މާރާލާފައި ވަނީ ދެ މީހުންގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.