ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮއްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ގޯސް ކަމަށް ބުނެ މިއަދު ބާއްވަން ތާވަލުކޮށްފައިވާ އެމަނިކުފާނުގެ ޝަރީއަތް ފަސްކޮށް ދިނުމަށް ވަކީލުން އެދިއްޖެއެވެ.

ހާލުކޮޅު ގޯސްވުމުގެ ސަބަބުން މައުމޫނަށް ކުރާ ބައެއް ދައުވާގެ އަޑުއެހުންތައް މީގެ ކުރިން ވެސް ކެންސަލުކޮށްފައިވެއެވެ.

މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އިއްޔެ މެންދުރު ރައީސް މައުމޫންގެ ހާލުކޮޅު ތިން ވަނަ ފަހަރަށް ގޯސްވެފައިވާތީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް މިއަދުގެ އަޑުއެހުން ފަސްކޮށްދޭން އެދިފައިވާ ކަމަށެވެ.

މައުމޫންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން މިއަދު އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވަނީ ހަވީރު ތިނެއް ޖަހާއިރުއެވެ.

ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލަން ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫން އާލާސްކަންފުޅާއި އުޅުއްވާކަމަށް ވިދާޅުވެ އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އާއިލާއިންނާއި ޤާނޫނީ ވަކީލުން ދަނީ އެދެމުންނެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރެވެން ނެތް ކަމަށެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިދިޔަ ހަފްތާގައި އެމަނިކުފާނު އެއްވެސް ޝަރީޢަތަކަށް ހާޒިރެއް ނުކުރެއެވެ.

ޑޮކްޓަރުން ވަނީ، ރައީސް މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އާލާސްކަންފުޅެއް ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ ކުއްލިއަކަށް ވެއްޓިދާނެ ފަދަ ސިއްހީ ހާލަތެކެވެ. އެމަނިކުފާނާއި އެކު އަބަދުވެސް މީހަކު ބަހައްޓަން މީގެ ކުރިން ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޅީ

    މާމޫނު ކޮއްކޯ ތިވަރުގެ މީހުން ހަންދުކޭތަ ހިފާނެ ވާހަކަ ތިދައްކަނީ

  2. ނަފީސާ އަޙްމަދު

    ބަޔެއްގެ ހިތަށް މައުމޫނަށް ޙަމްދަރުދީވަދެ ރައީސްޔާމީނަށް އެއްޗެތިކިޔުއްވަން ހަދާ އަނެއް ފަންޑިތަ! އެކަމަކު ރައީސް ޔާމީނަށް މައުމޫނު ކޮށްލިވަރާ ތިމަގެވެސް އަދި ތިމާގެ މުޅި ޚާންދާނާވެސް ޢަދާވާތްތެރިންގެ ފަހަތަށް އަރާ ކޮއްކޮޔަށް ދޭންއުޅުނު ލަނޑު ދުނިޔޭގެ ތާރީޚުގައި ލިޔެވިއްޖެ!