ޓީބީ އާއި އެޗްއައިވީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ސަރަހައްދީ ޤައުމުތަކުގެ ދައުރު މުހިއްމު ކަމަށް ސިއްޚަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް މިފައިން ވިދާޅުވީ ޓީބީ އާއި އެޗްއައިވީ ފަދަ ބޮޑެތި ބަލިތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ސާރކް ސަރަޙައްދު ޤައުމުތަކުގެ މެދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމް ފެށުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙީ ނިޒާމެއް ފޯރުކޮށްދެއްވުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރުގެ ކުރިން ރާއްޖެއިން ޓީ.ބީ ނައްތާލުމަށް ޤައުމީ ސްޓްރެޓެޖިކް ޕްލޭނެއް އިފްތިތާޙް ކޮށް އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި، ރާއްޖެއިން އެޗްއައިވީ ނައްތާލުމަށްޓަކާ، އެކުލަވާލެވުނު ލަނޑުދަނޑިތަކަކާއެކު، އެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕެރަޑައިސް އައިލެންޑްގައި ރިސޯޓުގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން

މިނިސްޓަރ ނާޒިމް ވަނީ ނުރައްކާތެރި ބަލިތައް ނައްތާލުމަށް މި ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގައި ސާރކްގެ ޤައުމުތަކުގެ މެދުގައި ފެށިގެން ދިޔަ ޕްރޮގްރާމުގެ ސަބަބުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ހަމަޔަށް ވާސިލް ވެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ މުހިއްމު މަސައްކަތެއްގައި ސަރަހައްދުގެ ހުރިހާ ޤައުމުތަކުން ވެސް އެއްބާރުލުން ދެއްވުމަކީ މުހިއްމު ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިސަރަހައްދުގެ ގައުމުތަކުުގެ ތެރެއިން ރާއްޖެއަކީ އެޗްއައިވީ އާއި ޓީބީ ޖެހިފައިވާ މީހުންގެ އަދަދު ނިސްބަތުން މަދު ޤައުމެއް ކަމަށާއި، އެޗްއައިވީ އާއި ޓީބީ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ސާކް ޤައުމުތަކުން މުހިއްމު ދައުރެއް އަދާކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ޓީބީ ނައްތާލުމަށް ސިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން އެބައްޔަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ އުފާކުރާކުރާ ކަމެއް ކަމަށާއި، މިފަދަ ބަލިތައް ނައްތާލުމަށް ރަނގަޅު ފެންވަރުގެ މެޝިނަރީސްތަކާ ޓެކޮނޮޖީގެ އެހީ މުހިއްމުކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ބައްދަލުވުމުގައި ބައިވެރި އިސްބޭފުޅުން

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށިގެންގެން ދިޔަ ބައްދަލުވުމަކީ ސާރކް ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލު ވުމެކެވެ. އެގޮތުން މިދިޔަ އަހަރު މި ޕްރޮގްރާމް ބާއްވާފައިވަނީ ބޫޓާންގައެވެ.

މި ރަސްމިއްޔާތުގައި ސާރކް ޤައުމުތަކުން ވަޑައިގެންނެވި ބޭފުޅުންނާއި ރާއްޖޭގެ ސިއްޚީ ދާއިރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިއަދުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ޕެރަޑައިޒް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ މި ޕްރޮގްރާމްގައި ސާރކް ސަރަޙައްދު ޤައުމުތަކުގެ މެދުގައި ޓީބީ އާއި އެޗްއައިވީ ކޮންޓްރޯލް ކުރާނެ ގޮތްތަކާ، ކްރޮސް ބޯޑަރ އިޝޫތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިނޭ

    މީ އެކަނި ހުރިހާ ކަމެއް ވާ ޓޯކިޔޯ ނޫން ތަ؟

  2. އަލްޖިބްރާ

    ބޭނުމެއް ނުވާނެ ! ޔާމީނު ހުރިހާ ކަމެއްވެސް ކުރާނެ ! އެއީ މާމޮޅު މީހެއްނު ؟