ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ފެނާއި ނަރުދަމާގެ ބިލު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ފެނާއި ނަރުދަމާގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށާއި އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ބިލް ފާސްކޮށްފައި ވަނީ 20 ޖުލައި 2020 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ފެނާއި ނަރުދަމާގެ ޚިދުމަތުގެ އަގު މީހުން ދިރިއުޅޭ ރަށްރަށުގައި ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުގެ މަޝްވަރާގެ މަތިންނެވެ.

ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަންދޭންވާނެކަމަށާއި، ޚިދުމަތުގެ ބޭނުންކުރާ ފަރާތްތަކުން އެ ޚިދުމަތް ބޭނުންކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތަކަށް އިސްކަންދޭންވާނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ، އިޢާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އަގުގެ ބޭރުން، ފެނާއި ނަރުދަމާގެ ޚިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.

މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ޢާންމުކޮށް ޝާއިޢުކުރަންވާނެކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެޖެންޑާ 2020

    ފާހަނަ ހޮޅީގަ ހުރި އެއްޗެހިކޮޅުވެސް ސަލާމަތުން ހުންނާނެބާ

    5
    2
  2. އެޖެންޑާ ޖޫރިމަނާ ކާފަ

    މަގޭ ފާހަނަ ތަށީ ފެންފޮދެއްވަރު ވިޔަސް އިންނާނެބާ

    5
    1
  3. ހިއްތަލަވިގަނި

    މިވަރުން ދަންޏާ ގުއިވަޅުގަ ވެސް ނީންނާނެ މި މީހުން ކާނުލާ އެއްޗެއް

    5
    1
  4. Anonymous

    ބިލަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ފެން މީޓަރަށް ނަގަމުން އަންނަ 30 ރުފިޔާ އެ ޤާނޫނުގައި ބުނާގޮތުން ދެނެއް ނުނެގޭނެ.