ރ. އުނގޫފާރުން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ރަށުން ނެގި ހުރިހާ ސުންކު (ސާމްޕަލް)އެއް ނައްސި (ނެގެޓިވް)ވުމުން އެ ރަށް އާއްމު ހާލަތަށް ގެންގޮސްފިއެވެ

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރު އަލީ ވަނީ އެޗްޕީއޭއިން އެރަށުން ނެގި ސުންކުތައް ނައްސިވުމުން، ރަށް އާއްމު ހާލަތަށް ގެންގޮސްފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ.

އެރަށުން މިދިޔަ ހޯމަ ދުވަހު މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ކަރަންޓީނު ކުރީ އަށް ޑޮކްޓަރަކާއި 26 ނަރުހުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ އެ އެންމެންގެ ސުންކުވެސް ނައްސި ކަމަށެވެ.

އުނގޫފާރު އާމު ހާލަތަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ.

އުނގޫފާރުން މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށް އިއްޔެ ކަރަންޓީނު ކުރި އިރު ޅ. އަތޮޅު އޮޅުވެލި ފުށިވެސް ވަނީ ކަރަންޓީން ކޮށްފައެވެ.

އުނގޫފާރުން މާލެ ގެނައި އެ މީހާއަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ހޯމަ ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. އޭގެ ކުރިން އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ އޮޅުވެލި ފުށީގައެވެ.

އެ ހޮސްޕިޓަލަށް ގެންދާ އެންމެންވެސް އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓް ހަދައެވެ.

މައުލޫމާތު ލިބޭގޮތުގައި، އޭނާ މާލެ ގެންގޮސް އައިޖީއެމްއެޗް އިން ހެދި އޭނާގެ ކޮވިޑް-19ގެ ދެ ޓެސްޓުންވެސް އޭނާ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އަތޮޅު ތެރޭގެ ބައެއް ރަށްތަކުން ކޮވިޑް-19 ފެނި މިހާރުވެސް ބައެއް ރަށްތައް ވަނީ ކަރަންޓީންކޮށްފައެވެ. ބައެއް ރަށްތަކުން ކޮވިޑް-19 ފެނިފައި ވަނީ ރަަށަށް ގޮސް ގޭގައި ކަރަންޓީންވެގެން ތިބި މީހުންގެ ފަރާތުންނެވެ.