ލ. ގަމު ތުނޑި، ހުރަވީ، މަރިޔަމް ޝީރީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި އޭނާގެ ކުރީގެ ލޯބިވެރިއެއް ކަމުގައިވާ ލ. ކަޅައިދޫ، އޯސަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމުން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ހިތްހަމަޖެހިލައިފިއެވެ.

މި މައްސަލާގާއި ނަޖާހުގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރީ 20 ޑިސެމްބަރު 2009 ވަނަ ދުވަހުން ފެށިގެން މ. ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީނާއެކު އުޅުމުގެ ތެރޭގައި ނަޖާހު، ޝީރީން މަރާލާފައިވާ ކަމަށް ބުނެއެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މ. އަންގާގިރި ކިޔާ ގޭގައި ހުރި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި އެވެ. އޭނާ ފެނިފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މި މައްސަލައިގައި ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2015 އަހަރު ހުކުމް ކުރުމާ ގުޅިގެންނެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތައް އަހަރެއް ފަހުން އެ މައްސަލަ ސާބިތުވާކަމަށް ހުކުމް ކުރުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. މި މައްސަލާގައި މީގެކުރިން ދައުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަމީމް ވިދާޅުވީ ދަށު ކޯޓުން ނާކާމިޔާބުވި ނަމަވެސް، މައްސަލައިގައި ކުރެވުނު މަސައްކަތް ކާމިޔާބު ވާނެ ކަމުގެ އުންމީދު އަބަދުވެސް އޮތް ކަމަށާއި މައްސަލަ ބިނާކޮށްފައި ވަނީ ހަމައެކަނި ގަރީނާގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/HuShameem/status/1290936722910359552?s=20

ޝީރީން މަރުވެ ކުނިވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ނަޖާހު ޖަލަށް ލާން ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން ކުރި ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

މި މައްސަލާގައި މީގެކުރިންވެސް ތަފާތު ގޮތްކަކަށް ވާހަކަ ދެކެވުނެވެ. ހާއްސަކޮށް ޝީރީންގެ މަރަށްފަހު ޕޯސްޓުމޯޓަމް އެއް ހަދާފައި ނުވުމާއި އަދި ޝީރީން މަރުވާން ދިމާވި އަސްލު ސަބަބުވެސް ހޯދޭނީ އެކަން އެގޮތަށް ކޮށްގެން ކަމަށް ޑޮކްޓަރުންވެސް ލަފާދީފައިވެއެވެ.

ހައި ކޯޓުން ވެސް މިއަދު ނިިންމީ ޝީރީން މަރުވަން މެދުވެރިވި ސަބަބު ހޯދިފައި ނެތުމުން އެއީ ގަސްދު މަރެއް ކަމަށް ނިންމެން ނެތް ކަމަށެވެ.

ކުށުގެ ތައުޒީރީ އުގޫބާތެއްގެ ގޮތުން، ޝީރީންގެ ކުރީގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، މަރިޔަމް ޝީރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މައާފު ނުކުރާހާ ހިނދަކު، މަރިޔަމް ޝީރީންގެ މަރުގެ ދިޔައަކީ ނަޖާހު އަމިއްލައަށް ދޭން އޮތް ދިޔައެއްކަމާއި، އެދިޔަ ލިބިގަތުމަށް، މަރިޔަމް ޝީރީންގެ ވާރިސުންނަށް ދަށުކޯޓުގައި ދައުވާ ކުރުމުގެ ހައްގު އޮތްކަން އަންގާ، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ 02 މަސްދުވަހު ރޯދަ ހިފުމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.