ސްކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިއެއްގައިވެސް މާލެތެރޭ މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފިއެވެ.

އެ އޮތޯރިޓީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެއާ ހުޅުމާލޭގައި 350 ކިލޯގެ އުޅަނދުތަކުގައި ހެނދުނު 11:30 އިން ފެށިގެން މެންދުރު 13:30 އަށް މުދާ އުފުލުން މަނާ ކޮށްފައިވީ ނަމަވެސް އެ ހުއްދަ އަލުން ދީފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ހުއްދަ ދީފައިވަނީ އިއްޔެ އިން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ހުޅުވެންދެން ކަމަށެވެ. އެހެންކަމުން މިހާރު ހުރިހާ ގަޑިއެއްގައި ވެސް މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

އެޑިއުކޭޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އީދު ބަންދާއި، މިޑް ޓާމު ބަންދަށް ސްކޫލްތައް ބަންދުވުމަށްފަހު އަލުން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ މިހިނގާ އޮގަސްޓްމަހުގެ 09 ވަނަ ދުވަސް ކަމަށެވެ.

އެހެން ނަމަވެސް، ކޮވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން، ކުރިއަށް އޮތް ދެހަފްތާއަށް (9 އޮގަސްޓު 2020 އިން 19 އޮގަސްޓް 2020އަށް) މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ ކަމަށެވެ. އަދި ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، މި ނިންމުން މުރާޖަޢާ ކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން އަންނާތީ އިއްޔެ ވަނީ އާ ފިޔަވަޅުތަކެއް އިއުލާންކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ފިޔަވަޅަކީ މާލެ ސަރަހައްދުގައި ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު އިއުލާން ކުރުމެވެ. އެ ވަގުތުގައި އެއްވެސް އެއްގަމު އުޅަނދެއް ދުއްވުމާއި މަގުތަކަށް މީހުން ނިކުތުމަކީ މަނާ ކަމެކެވެ.