ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްއީއޯސީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެ އިން ފުރުމުގެ ކުރިން ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވުމުން އޭނާގެ އާއިލާ މެންބަރުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ އެފަތުރުވެރިޔާ ކޮވިޑް-19 އަށް ފައްސިވީ އިއްޔެ ކަމަށާއި އޭނާ އަކީ ސަންގެލި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިއެއް ކަމަށެވެ. އޭނާ އަދިވެސް ހުރީ އެރަށުގައެވެ.

މިއީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ކޮވިޑް-19 އަށް ފައްސިވި ދެވަނަ ފަތުރުވެރިޔާއެވެ.

މިހާރު ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި ގައުމަށް ދިއުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4594 އަށް އަރާފައެވެ. 2706 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ބަލި ޖެހިފައި މިހާރުވެސް 1869 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 110 މީހަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 23 މީހަކު ވަނީ މިއަދު ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު