ބ.އަތޮޅު ދޮންފަނުގައި އަލަށް އިމާރާތް ކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާޙިމް އަޙްމަދު އަދި އަލްއުސްތާޛު އަބްދުލް ޣަފޫރު އަޙްމަދު ބ. އަދި ރ. އަތޮޅަށް ކުރައްވާ ޚާއްސަ ދަތުރުފުޅެއްގައި މިއަދު ދޮންފަނަށް ވަޑައިގެން މެންދުރު ނަމާދުގެ ކުރިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ދައުލަތުގެ ބަޖެޓް ޚަރަދުކޮށް ބިނާ ކުރި މަސްޖިދުލް ހިދާޔަތު މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ބޮޑު މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި މިއަދު އަޞްރު ނަމާދުގެ ކުރިން ބާއްވާ ޙާއްޞަ ރަސްމިއްޔާތެއްގައި ބ. ކިހާދުގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް ހުޅުވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. ދައުލަތު ބަޖެޓުން ބިނާ ކުރި މަސްޖިދުލް ތަޢާވުން މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މީގެއިތުރުން މާދަމާ މެންދުރު ނަމާދުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ރަސްމިއްޔާތެއްގައި ރ. ރަސްގަތީމުގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް ވެސް ހުޅުވުމަށް ނިންމާފައިވާއިރު އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އެ ދެ ބޭފުޅުންގެ ދަތުރުފުޅަކީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދުގެ ޙާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން މިސްކިތްތަކުގެ ހާލަތު ބެއްލުވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅިޔަންބެ

    ހެހެހެހެ.. ދޮންފަނޭ؟؟ ތިރަށުގައި އުޅެނީ 2 މީހުނާ ބައި. އެވެސް ހުސް އަންހެނުން. ދެން ކޮން 500 މީހުނައްއެރޭ މިސްކިތެއް ތިތާ އަޅާކައް.. އިސްލާމިކު މިނިސްޓުރީވެސް އުޅެނީ ލާރިގަނޑު ގިނަވެގެން ކުރާނެ ނުކުރާނެއެއް ނޭގިގެންދޯ.

    • ބުރޯ

      ތިހާ އަންހެނުން ގިނަ ރަށެއްވިއްޔާ ޅިޔަންބެ ދާން ފެނޭ އާބާދީ ބޮޑުވޭތޯ ބަލަން ހެ ހެ