ސާދަ ކޯޓަކަށް މެޖިސްޓްރޭޓުން ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ރަށްރަށުގެ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންގެ ތެރެއިން އެހެން ކޯޓުތަކަށް ބަދަލުވާން ބޭނުން ނަމަ 14 ރަށެއްގެ ކޯޓަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މިގޮތަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ ފަރާތްތައް ކޯޓު ބަދަލުކުރުމުގައި އެ މެޖިސްޓްރޭޓަރަކު މިހާރު ހުރި ކޯޓާއި އެ ކޯޓު ހިމެނޭ ކްލަސްޓަގައި ތިބި ފަނޑިޔާރުންނަށާއި އަދި އެ ކްލަސްޓަގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތަށް ރިއާޔަތް ކުރެވޭނެ ކަމަށް އިއުލާންގައިވެއެވެ.

މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލީ ށ. ފުނަދޫ، ނ. މަނަދޫ، ވ. ފެލިދޫގެ އިތުރުން ގދ. ތިނަދޫ ކޯޓަށެވެ. އިސް މެޖިސްޓްރޭޓެއްގެ މަގާމަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ ހދ. ނޮޅިވަރަމް، ރ. މަޑުއްވަރީ، ބ. ތުޅާދޫ، ފ. ފީއަލި، ފ. ބިލެތްދޫ، ގއ. ކޮލަމާފުށި، ގއ. ކަނޑުހުޅުދޫގެ އިތުރުން ގދ. ފަރެސްމާތޮޑާ ކޯޓަށެވެ.

ކޯޓަކަށް ބަދަލުވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބަދަލުވާން އެދޭ ކޯޓާއި އަދި އެ ކޯޓަށް ބަދަލުވުމަށް އެދޭ ސަބަބު ބަޔާންކޮށް، އޯގަސްޓް 12 ވާ ބުދަ ދުވަހުގެ 14:00 ކުރިން އެ ކޮމިޝަނަށް ސިޓީ ފޮނުއްވުން އެދޭ ކަމަށް އެ ކޮމިޝަނުގެ އިއުލާންގައިވެއެވެ.