ނައިބު ރައީސް ފައިސަލް ނަސީމް، ފ. ނިލަންދޫ ކައުންސިލަރުންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް މި ވަގުތު އެންމެ ދަތިވާ މައްސަލަތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ. މި ބައްދަލުވުމުގައި، ނިލަންދޫ ކައުސިލަރުންނާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ރަށުގެ ކަރަންޓާއި ނަރުދަމާގެ ހާލަތު މިވަގުތު ހުރި ގޮތުގެ ކަންބޮޑުވުންތަކާއި، ރަށުގެ ބަނދަރާއި ގުޅިގެން މިހާރު ހުރި ކަންބޮޑުވުންތައް ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ ހިއްސާ ކުރައްވައިފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ޖަނަރޭޓަރާއި އެހެނިހެން ބައެއް ސާމާނު އެ ރަށަށް ގެންދިއުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާ ކަން ފާހަގަކުރައްވައި، އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ނިލަންދޫ ކައުންސިލަރުންނާއި އަދި މުއައްސަސާތަކުގެ ވެރިންނާ ހިއްސާ ކުރެއްވިއެވެ.

އަދި، ކަރަންޓާއި ނަރުދަމާއާއި ގުޅިގެން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ފެނަކަ ކުންފުނީގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެ އިތުރަށް ފާހަގަކުރެއްވި ކަންކަންވެސް ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ ޙިއްޞާކުރައްވައި މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ރާއްޖެ މިއޮތް ސިއްހީ ހާލަތުގައި ނިލަންދޫގެ ސިއްހީ ޚިދުމަތްދޭ ފަރާތްތަކުންވެ ސް ރައްޔިތުންނަށް ވީހާވެސް ބޮޑަށް މައުލޫމާތު ފޯރުކޮށްދީ ރައްކާތެރިކަމުގެ ގޮތުން ސިއްހީ މާހިރުންދޭ އިރުޝާދުތަކާ އެއްގޮތަށް ކަންކަން ބައްޓަންކުރުމަށް ބާރުއަޅައި މަސައްކަތްކޮށްދެއްވުމަށް ވެސް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެލެކުސް މައިކާލޯ

    ސޮރީ ކާކުތަތީ؟ އުޅޭމީހެއްތަ؟ ތީނަގެ ކަމަކީ ފޭސްބުކާއި އިންސްޓާ އަދި ޓުވިޓާގައި ޕުރޮފައިލް އަޕްޑޭޓުކޮށް ރީތިރާނީބައި ކުޅުން. ތީބުރާންޗެއް

    4
    2