އިގްތިސޯދުގައި "އޮއްވަޅު ގޮނޑި" ކުޅެން ވެއްޖެ ނަމަ ގައުމު ބިކަވެ ގައުމުގެ ސިޔާދަތުވެސް ގެއްލިގެން ހިނގައިދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އިގްތިސޯދުގައި "އޮއްވަޅު ގޮނޑި" ކުޅެންވެއްޖެ ނަމަ ގައުމު އިތުރަށް ބިކަވެ ދަރަނިވެރިވެ ސިޔާދަތު އެއްކޮށް ގެއްލިދާނެ ކަމަށެވެ. ސަރުކާރަށް އެކަނި އެކަން ނުވާނެ ކަމަށާއި ވިޔަފާރިވެރިންނާއި ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްކާއި މަޝްވަރާ ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރި ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ކޮވިޑް-19 އަކީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު މުޅި ދުނިޔެއަށް ވެސް އެންމެ ބޮޑަށް އަސަރު ކުރި ކަންތައް ކަމަށެވެ. އެހެންކަމުން މި ވަގުތު ދުުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތައް ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އިގްތިސާދީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރި ކަމަށާއި ކުރު ރާސްތާ އާއި މެދު ރާސްތާގައި ވެސް އިގްތިސާދީ ގޮންޖެހުން އެބަހުރި ކަމަށެވެ. އަދި ރާއްޖޭގައި ބޯޑަރު ބަންދުކުރުމުން އެތައް ވިޔަފާރިއެއް ބަނގުރޫޓުވި ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިހާރު މި އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ކުރިޔަށް އޮތް ހައެއް ނުވަތަ އަށެއްކަ މަހަކީ ރާއްޖެއަށް ދަތި މަސްތަކަކަށް ވެގެން ދާނެ ކަމަށެވެ. ކުރިން ތިބި ހާލަތަށް ދިއުމަށް އަހަރެއް ދޮޅު އަހަރެއް ނަގާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ 2019ގައި ތިބި ހިސާބަށް ދެވޭނީ 2022ގެ ނިޔަލަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ކޮވިޑް ނެތް އިރު ޖީޑީޕީ 7.5 ޕަސެންޓް ކުރި އަރާނެ ކަމަށް ބެލީ. މިހާރު އަންދާޒާ ކުރަނީ 11 އަށް ދާނެ ކަމަށް އެއީ ވަރަށް ބޮޑު ދަށްވުމެއް،" ޖީޑީޕީއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19 އަކީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫން ކަމަށާއި ރާއްޖޭގެ އިގްތިސޯޯދަށް ވަންނަ ފައިސާގެ ބޮޑުބައި ވައްދަނީ ޓޫރިޒަމުން ކަމަށްވެފައި ކޮވިޑާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުވެފައި، އެ ބޯޑަރުތަކުން ފުރައިގެން ފަތުރުވެރިން ނާންނާތީ ރާއްޖޭގެ އިގްތިސޯދު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީ

    ހިނި އަންނަނީ...

  2. އަލްޖިބްރާ

    ދައްކާނެ ވާހަކައެއް ނެތީމާ އޮށްވަޅު ގޮޑިއޭ ފަޅޮލޭ ކިޔަމުން ދުވާނެކަމެއް ނެތް ! ކަލޭމެނަށް ކުރަންދަސްވެފަ ހުރި ކަންތަށް ކަލޭމެންވަނީ ކޮށްފަ ! އެއީ ޤައުމުން ވައްކަން ކުރުން ! މިހާރު ތިތިބީ ބޭރުކޮށްފަ ! ދެން ހިމޭނުން ތިބޭ !

  3. ރިހި ރާންބާގަސް

    އޮށްވަޅުގޮނޑި ދަތްދޮޅިގޮނޑި ކުޅެންދަސްކުރީ ތިޔަގޮލާމެން! ކިތަންމެވަރަކަށް ހަޅޭލެވިޔަސް ވާނޮޅި ވިއްސާގެން ދިޔަޔަސް ތިޔަލަވާ ހަޅޭކުގަ އަގެއްނެތް! ތިޔަގޮލާމެން ގައުމުގެ ސަރުކާރުގަ ތިބިއިރު ކަންތައްކުރިގޮތް ހަނދާންނެތޭހާ ދުވަހެއްނުވޭ!