ގުޅީފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ވެބްސައިޓެއް ތާއާރަފްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ އެ ވެބްސައިޓް މެދުވެރިކޮށް ގުޅިފަޅު ހިއްކުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. އަދި ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ކުރާ މަސައްކަތްތަކާއި ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކާބެހޭ މައުލޫމާތު ވެސް އެ ވެބްސައިޓުން ލިބިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން ޕްރޮޖެކްޓާ ގުޅޭގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް ނުވަތަ ކޮމެންޓެއް އޮތްނަމަވެސް ވެބްސައިޓު މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި މަޝްރޫގެ ދަށުން ގުޅިފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި 4 ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައެވެ.

ގުޅީފަޅު ޕޯޓު ތަރައްގީކުރުމަކީ މި އަހަރަށް ސަރުކާރުން ބަޖެޓުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މުހިއްމު މަސައްކަތެކެވެ. 2020 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ގުޅީފަޅު ބަނދަރާއެކު ރާއްޖެއަށް މުދާ ގެންނަން ކުރަންޖެހޭ ހަރަދު ކުޑަވެ މުދާ އަރުވާ ބޭލުމުގައި ދިމާވެފައިވާ ދަތިތައް ހައްލުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނަޝީދު

  ލުކުސް ލައިކް ބަކަރި އުޅޭތަނެއް

 2. ރޯދަމުބާރަކް!

  ރަސްރަސްކަލުން/ރައީސުންގެ ދުރުވިސްނެވުމުގެ ފަހުބޮޅު! ގްރޭޓަރ މާލޭ ޢޭރިއާ ތަރަށްގީ! އަތޮޅުތަށް ބިކަވުން ގިނަވީ! ދެރަ، ވަރަށްދެރަ، ކުރާނެކަމެއްނެތް އެހެނަސް!

 3. ހަމީދު

  ކޮބާ ވެބްސައިޓު އެޑްރެސް؟

 4. ޢަދުރޭ

  ތި ދެމިލީ .. ދެން ހަމަ ބަލަބަލަ ހުއްޓާ ބޮޑެތި ޢިމާރާތްތައް އުފުލި ބޮޑު ސިޓީއަކަށް ތިތަން ބަދަލުވެދާނެ. ޔާމީންވެސް ޓަވަރުތަކެއް ނާޅާ ހުޅުމާލެ ފްލެޓް ވެބްސައިޓް ހުޅުވި ނަމަ މިހާރު މި ނުކުންނަ މައްސަލަތައް ނުނިކުތީސް

 5. އެދްރެސް

  ހަބަރުގެ އެންމެ މުހިންމު ބައި ކަމަށްވާ ވެބްސައިޓްގެ އެޑްރެސް ނުހިމަނާ އޮތީމަ ހަބަރު ގެ ބޭނުމެއް ނެތް