ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށެވެ. އުދަ އަރާނެ ކަމަށް ލަފާކޮށްފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު ހިމެނޭ ރަށްތަކަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު 18:00 ގައެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އަދި ހުރިހާ ފަރާތްތަކުން ހާއްސަކޮށް، އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.