ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް)ގެ ކުންފުންޏަކުން ޗައިނީޒް އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން މިވަގުތު ދައްކަން ޖެހި ނުދައްކައި އޮތް ފައިސާ ދައްކައިފި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ މި ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، ޖަނަވަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އޭއެސްއެޗްއިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ.

ސިޔާމްގެ ކުންފުނިން ދެއްކީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދައްކަންޖެހެ އެވެ.

ނަމަވެސް، 21 ޖުލައި 2020 ގެ ކުރިން، އ އެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާފައި ނުވާތީ، 22 ޖުލައި 2020 ގައި ޗައިނީޒް އެގްޒިމް ބޭންކް އިން ފިނޭންސް މިނިސްޓްރީ އަށް އެކަން އަންގައި ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، އެ ފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"ހަވާލާ ދީފައިވާ އެންގުމާ އެއްގޮތަށް ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާގެ އިންތިޒާމް އޭއެސްއެޗްއިން ހަމަޖައްސައި، އެފައިސާ އެސްކްރޯ އެކައުންޓަށް އެފަރާތުން ޖަމާކުރުމުން، އެސްކްރޯ އެޖެންޓް މެދުވެރިކޮށް އެފައިސާ ވަނީ 6 އޮގަސްޓް 2020 ގައި ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައެވެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ސިޔާމް ކުންފުންޏަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ އެކަމަށް ހެދުނު އުސޫލުގެ ދަށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ދަރަނި އަދާކުރުމުގައި، އެ މިނިސްޓްރީން އަބަދުވެސް އިސްކަން ދޭނީ ދިވެހި ދައުލަތް ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ސިޔާމްގެ ކުންފުނިން އެ ލޯނު ދެއްކި ކަމަށް ފިނޭންސް އިން ބުނެފައިވާއިރު އެ ކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ ސުވާޅު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވުމުން ސުވާލުގެ ނޯޓިސް އިއްޔެ ރައްޔިތުން މަޖިލީހުގެ އިދާރާއިން ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިނބޫ

    ކޮން ކުރީ ސަރުކާރެއް ކިޔާކަށް... ވައުދު ނުފުއްދެންޏާ އިސްތިއުފާ

    27
    7
  2. ކުރީސަރުކާރު

    ވައުދު އަކީ ކޮބާކަމާ ވައުދެއްކޮއްފިއްޔާ ފުއްދަންޖެހޭކަން އެގޭބަޔަކައް ވައުދުފުއްދޭނީ އެހެނެކޭކިޔާފަ މިސަރުކާރަކައް ވައުދެއްނުފުއްދޭނެ މިސަރުކާރައް ކިޔޭނީ ކުރީސަރުކާރު ކޮވިޑު