ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ބަލި ފެނިފައިވާ ރަށްތަކުގައި ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސް މިގޮތަށް ހަމަޖައްސަވާފައި ވަނީ މިއަދުއެވެ.

އެ އުސޫލަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކޮވިޑް-19 ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުވައްޒަފުން މަސައްކަތަށް ނެރުމުގައި މިއަދު ހަމަޖެއްސި އުސޫލުކެވެ.

އެ އުސޫލުގައި ބުނެފައި ވަނީ، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުމާއި، މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމާއި، މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، އިދާރާއިން ދޭ ޚިދުމަތްތަކުގެ ބާވަތަށާއި، ދޭ ޚިދުމަތްތަކުގެ މިންވަރަށާއި، ޚިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި، މުވައްޒަފުންގެ އަދަދަށް ބަލައި، އިދާރާއިން ދޭ ޚިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައި، އެކި ދުވަސްތަކުގައި އެކި ޚިދުމަތް ދޭ ގޮތަށް ހަމަޖެއްސުމެވެ.

އެ މިންގަނޑުގެ ތެރެއިން ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅަން ވާނެ ކަމަަށް ބަޔާންކޮށްފައި ވެެއެވެ. އަދި ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމަށް ބަޔާންކޮށްފައި ވެއެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ޚިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިޔުމަށްވެސް ބަޔާންކޮށްފައި ވެއެވެ. އަދި، އޮންލައިންކޮށް ދެވެންހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމަަށާއި ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށްވެސް އެ އުސޫލުގައި ވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާޙައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް އެޗްޕީއޭގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށް ވަނީ އެދިފައެވެ. އަދި އޮފީހުން ކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓްކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރުމަށާއި، ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަރލެސް" މަސައްކަތުގެ މާޙައުލެއް އޮފީހުގައި ޤާއިމުކުރުމަށް މަސައްކަތްކުރުމަށްވެސް އެދިފައި ވެއެވެ.

އަދި ކޮވިޑް 19 އާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކިނބޫ

    ބައެއް ތަންތާ ތިބި ނާގާބިލު ޕީއެސް އިންނަށް މިކަހަލަ ހާލަތްތަކުގަ ކަންކަން ރާވާ ހިންގާކަށް ނޭނގޭ.

    21
    1
  2. Anonymous

    ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގާފައެވެ. ސިޔާސީ މީހުންގެ މުސާރަ ތައް ކުޑަ ކޮށް ބަލާށެވެ.

    24
    • Anonymous

      ނުވާނެ ތި ކަމެއް!! ފެލާލާފަ ގެނައި ސަރުކާރެއް!! އަނގަނުޅާ ތިބެވޭތޯބަލާ!!

  3. ނޯބި

    މިގޮތައް ސަރުކާރު ސްކޫލްތަކުން އަމަލެއް ނުކުރޭ، ސްކޫލް ބަންދުވެ ކުރާނެ ކަމެއް ނެތަސް ހުރިހާ މުވައްޒިފުން އެކީ ނެރެވޭތޯބަލާ، އެއީ ގޭގައި ކުރެވެނ ހުރިކަމުގައި ވިޔަސް، ބަލި ބޭފުޅުން ކަމުގައި ވިޔަސް

    19
    2
  4. ?

    ޢެހެންބުނާ މީހާ ކޮންމެ ދުވަހަކު އޮފީހަށް އައިސް ނުގޮސްގެން އެހެން މުވަޢްޒަފުން ތިބެންމިޖެހެނީ ރައީސްމީހަ ގެއަށްނުދާތީ އެތާ ތާށިވެފަ!

    8
    1
  5. ޑިމޮކްރަސީ

    ގިނަ އޮފީސްތަކުގެ އިސްވެރިން ނުވިސްނާ އެއްވެސްވަރަކަށް ޚަރަދުތައްކުޑަކުރާކަށް ޚަރަދުތައްކުޑަކުރަން ވާހަކަދެއްކިޔަސް އެކަމަށް އެއްވެސްސަމާލުކަމެއްދޭންބޭނުންނުވާތާ ޖަހާނި ޖޯކް

  6. ާާއަޒޫ

    ބައެއް ސްކޫލު ތަކުގެ މުވައްޒަފުން އީދު ބަންދުގަ ވެސް އޮފީސް ހުޅުވައިގެން އެތާ...އިތު ރު ގަޑިހަދަން...އެމީހުން ކު ރާ ނުކު ރާ ކަމެއް ވެ ރިން ބަލަނީކީ ނުން..

    3
    1
  7. Anonymous

    ސަރުކާރު އޮފީސްތަކުން ތިގޮތަށް އަމަލުކުރޭތަ. މިގޭ ކުއްޖާ މިއަދުވެސް އޮފީހަށް ނިކުންނަން އަންގާފަ އޮތީ. ހުކުރު ހޮޮނިހިރަށް ދަންދެން ނިކުންނަން ބުނެފަ. އޮފީސްތަކުން ހަދާނަހަދާއެއް ބަލާބަލަ. މި ބުނެފިން އޮފީހަށް ގޮސްގެން ނުވާނެ ރަސްމީކޮށް ބަންދު ކުރީމަ. އެކަމު ނުދިޔައީމަވެސް އެކުއްޖާއަށް ގުޅާ މެސެޖުކޮށް ނިކުންނަން ބުނެފަ އޮތީ. ސަލާމެއްވެސް ނެތް ބުނެވެން. މީކޮންވައްތަރެއްގެ ސަރުކާރު އޮފީހެއްތަ.

  8. ދެކޮޅު ނުޖެހޭ

    ސަރުކާރު އޮފީހުގަ އުޅޭ މިގޭ ސޮރު ކައިރީ ބުނެފަ އޮތީ ހުކުރާ ހޮނިހިރު ދުވަހުވެސް ނިކުންނަން. ރަސްމީކޮށް ސަރުކާރު ބަންދުވީމައާއެކު އޮފީހަށް ނުނިކުތީމަ އަންގާފަ އޮތީ ނިކުންނާށޯ. މީދެން އަޅެ ހެއްވާ ކަމެއްނު. ރައީސް ގޭގަ ތިބެގެން ކުރާށޭބުނީމަވެސް. ކުރިންވެސް ހަމަގެއިން ކުރީ. އެކަމު މިފަހަރު ހަމަ ނެރެން އެމީހުން ބޭނުންވަނީ. މިގޭ ސޮރުދެން ހަމަ ހުކުރު ހޮނިހިރު ދުވަހަުވެސް އޮފީހަށް ފޮނުވަންތަވީ.