އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކުރާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހެޅި ތިން ހުށަހެޅުން ބަލައިގަނެ، މައްސަލައިގެ އިބްތިދާއީ މަރުޚަލާ ނިންމައި މަޢުލޫއީ ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި މިއަދުގެ އަޑު އެހުމުގައި ދައުލަތުން ވަނީ 3 ހުށަހެޅުމެއް ޝަރީއަތަށް ހުށަހަޅާފައެވެ.

އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރިން ހުށަހެޅުމެއް ހުށަހަޅާފައި ނުވާއިރު، ދިފާއުގައި ވަކީލުން ވިދާޅުވީ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ މި ދައުވާގައި ދިފާއުގައި ހުށަހަޅާފައިވާ ކަންކަމަށް ގޮތެއް ނިންމުމުން އުއްތަމަ ފަނޑިޔާރުގެ މައްސަލައަށްވެސް އެ ކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ. އެގޮތަށް ވިދާޅުވަނީ، މި މައްސަލައިގެ ޝަރީއަތް އެކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވުމުން ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

ހެކިން ސިއްރު ކުރުން: ދައުލަތުން ފުރަތަމަ ކަމެއްގެ ގޮތުން ޝަރީއަތުގައި އެދިފައިވަނީ މި މައްސަލައިގައި ހެކިބަސް ދޭ މީހުންނަށް ހިމާޔަތް ލިބިދެވޭގޮތަށް، ދައުވާ ލިބޭ ފަރާތާއި އެއްހާޒިރު ނުވާ ގޮތެއްގައި، ކާކުކަން ނޭނގޭ ގޮތަށް ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ހެކިބަސް ނަގައި ދިނުމަށެވެ. ދައުލަތުން މިގޮތަށް އެދިފައިވަނީ، ހެކިބަސްދޭ މީހުންގެ މަޢުލޫމާތު ހާމަވެއްޖެނަމަ، ހެއްކަށް ނުފޫޒު ފޯރުވައި، ހެކި ގެއްލުމުގެ ފުރުޞަތު އޮތުމުން ކަމަށް ޝަރީއަތުގައި ވިދާޅުވިއެވެ.

ދައުލަތުގެ މި ހުށަހެޅުމަށް ރައްދު ދެމުން އުއްތަމަ ފަނޑިޔާރުގެ ވަކީލު، ނޫރުއްސަލާމް ވިދާޅުވީ، ސިއްރުން ހެކިބަސް ނެގުމަށް އެދެމުން ދައުލަތުން ހަވާލާދީފައިވާ ހައިކޯޓުގެ ގަޒިއްޔާއަކީ މިހާރު ޢަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ކްރިމިނަލް ކޯޓުގައި ބަލާފައިވާ މައްސަލައަކަށް ރިއާޔަތްކޮށް ނިންމަވާފައިވާ ނިންމެވުމެއް ކަމުން އެ ހުށަހެޅުން އެގޮތަށް ބަލައި ނުގަނެވޭނެ ކަމަށެވެ.

މި ހުށަހެޅުމާމެދު ގާޒީ ހައިލަމް ނިންމެވީ، ދައުލަތުން އެދުނު ހުށަހެޅުން ބަލައިގަނެ، ސިއްރު ހެކިވެރިންނަށް ހިމާޔަތް ލިބިދެވޭ ގޮތަށް ސިއްރުން ހެކިބަސް ނެގުމަށެވެ.

ހެކި ރައްކާ ކުރުން: ދައުލަތުން ދެވަނަ ކަމެއްގެ ގޮތުން ހުށަހަޅާފައިވަނީ، ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސިއްރު ލިޔެކިޔުންތައް ސިއްރު ކޮށްދިނުމަށާއި، އެ ލިޔެކިޔުންތައް ސިއްރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ދާއިމީ ކޮށްދިނުމަށެވެ. ދައުލަތުން މިގޮތަށް ހުށަހަޅާފައިވަނީ، މި މައުލޫމާތުތައް ހާމަވެއްޖެނަމަ، ސިއްރު ހެކިވެރިންނަށް ޖިސްމާނީ ގެއްލުމެއް ދީފާނެ ކަމަށާއި، މި ލިޔުންތަކުގައިވާ މައުލޫމާތުތަކުގައި އެހެން މީހުންގެ ޒާތީ މައުލޫމާތު ހުރުމުން، އެ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމަށް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުގެ މި ހުށަހެޅުމަށް ރައްދު ދެއްވަމުން އުއްތަމަ ފަނޑިޔާރުގެ ވަކީލު، ނޫރުއްސަލާމް ވިދާޅުވީ، ސިއްރުން ބަޔާން ދީފައިވާ ފަރާތްތަކުގެ މައުލޫމާތުތައް މީސް މީޑިއާގައި ޢާއްމުވެފައިވާއިރު، ދައުލަތުން ވިދާޅުވާފަދަ ޖިސްމާނީ ހާނީއްކައެއް ދޭނެ ނަމަ މިހާރު ދީފާނެކަމަށާއި، ލިޔުންތައް ސިއްރު ކުރުމަށް އަމުރު ނެރުނު އިރުގެ ހާލަތު މުޅިން ބަދަލުވެފައިވުމުން، އެ އަމުރު ދާއިމީ ކުރުމުގެ ޖާގައެއް ނެތް ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ކިތާބީ ހެކިތަކުގައި ހިމެނޭ މީހުންގެ ޒާތީ މަޢުލޫމާތުތައް އުނި ކުރުމަށްފަހުގައި ނަމަވެސް ދިފާއަށް ލިބިދިނުމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލު ހިސާން ހުސައިންވެސް ޝަރީއަތުގައި އެދިލެއްވިއެވެ.

ދައުލަތުގެ މި ހުށަހެޅުން ގާޒީ ބަލައިގަންނަން ނިންމާފައިވާއިރު، ދެފަރާތުގެ ދެމެދުގައި ކުރެވުނު ބަހުސްތަކަށްފަހު ދައުލަތުން ވަނީ ސިއްރު ލިޔުމެއްގެ ގޮތުގައި ކުރިން ނިންމާފައިވާ އެއް ލިޔުން، އެ ލިޔުމާ މެދު ޝަރީއަތުގައި ހެކިވެރިޔާ ހެކިބަސް ދޭ އަޑުއެހުމުގައި ޝަރީއަތުގެ މާލަމުގައި އެ ލިޔުންތައް ދިފާއަށް ދިނުމަށް އިއުތިރާޒް ނުކުރާކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ކުރިންވެސް ސިއްރު ކޮށްފައިވާ ބާކީ ދެ ލިޔުން ސިއްރުގެ ގޮތުގައި ބޭއްވުމަށް ވަނީ މިއަދުގެ އަޑުއެހުމުގައި ނިންމާފައެވެ.

އައު ހެކި ހުށަހަޅަން ފުރުޞަތު ދިނުން: ޝަރީއަތުގެ ކުރިން ހުށަހަޅާ ފަހު ހުށަހެޅުމުގެ ގޮތުގައި ދައުލަތުން އެދިފައިވަނީ، މި ދައުވާ އުފުލާފައިވާ 2018 ފެބުރުވަރީ 1 ވަނަ ދުވަހުގެ ސްޕްރީމް ކޯޓުގެ އަމުރާ ގުޅޭ ތަހްޤީގު އަދިވެސް ކުރިއަށް ދާތީވެ، ޝަރީއަތް ފެށުމަށްފަހު ފާޅުވާ އައު ހެކިތައް ޝަރީއަތަށް ބަލައި ގަތުމަށް ނިންމައި ދިނުމަށެވެ.

މި ހުށަހެޅުމަށް އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލު ހިސާން ހުސައިން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ހިސާން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބުނާގޮތުން، ޝަރީއަތަށް މައްސަލައެއް ހުށަހަޅަންވާނީ އެ މައްސަލައެއްގެ ތަހްޤީގު ފުރިހަމަ ކޮށްފައި ކަމަށާއި، އެ އުސޫލާ ހިލާފަށް ހުށަހެޅި މި ހުށަހެޅުން ބަލައި ގަނެވިގެން ނުވާނެކަމަށެވެ.

ދައުލަތުގެ މި ހުށަހެޅުމަށް ގާޒީ ހައިލަމް ނިންމެވީ، ފަހުންވެސް ހެކި ހުށަހެޅުމުގެ ފުރުޞަތު ދިނުމަށެވެ. ގާޒީ ވިދާޅުވީ، މި ފުރުޞަތު ދައުލަތަށް ދިން ނަމަވެސް ޝަރީއަތުން ބަލައި ގަންނާނީ، ފަހުން ފާޅުވާ އައު ހެކިތައް އެކަނި ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި އިތުރު ޤާނޫނީ ނުކުތާއެއް އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލު ނޫރުއްސަލާމް ފާހަގަކުރެއްވިއެވެ. އެގޮތުން ނޫރުއްސަލާމް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލު ކޮށްފައިވަނީ އެއް ހާދިސާއަކާ ގުޅިގެން ގިނަ ދައުވާކުރާ ހާލަތްތަކުގައި އަމަލުކުރަންޖެހޭނެ ކަމަށް ޤާނޫނުލް އުޤޫބާތުގެ 1006 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކަމަށެވެ. އެހެންކަމުން މި ދައުވާ ކްރިމިނަލް ކޯޓުގައި އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ނުކުތާވެސް ބަލައި ނުގަންނަކަން ގާޒީ ހައިލަމަ މިއަދުގެ ޝަރީއަތުގައި އިއުލާނު ކުރެއްވިއެވެ.

މައުލޫއީ ގޮތެއްގައި މި މައްސަލަ ބަލައި ކުރިއަށް ގެންދިއުމަށް ގާޒީ ހައިލަމް ނިންމެވިއިރު، މި މައްސަލައިގެ އިބްތިދާއީ މަރުޚަލާ މިހާ ހިސާބުން ނިމުނީއެވެ. އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކުރާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާގައި ދެން ކުރިއަށްދާނީ ޝަރީއަތުގެ މަރުޚަލާއެވެ. މި މަރުޚަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހާދިސާއާއި ގުޅިގެން ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވާ އެހެން މީހުންނާވެސް އެކު އެއް މަޖިލީހެއްގައެވެ.