ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ އިން ސިއްހީ ގިނަ އިދާރާތަކަކާއި ބައްދަލުކުރުމަށް ނިންމައިފިއެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އެ ބަލި ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީ އިން ކުރަމުން ގެންދާ މަސައްކަތުގެ މައުލޫމާތު އޮޅުން ފިލުމެވެ. އެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ބޭފުޅުންނާއި އަދި ކޮވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކާއި ގުޅޭ ލިޔެކިޔުންތައް ހޯދުމަށެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އިޖުތިމާއީ ކޮމެޓީއާ މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނާއި ކަންބޮޑުވުންތައް ހިއްސާ ކުރެއްވި ޑޮކްޓަރުންގެ މައުލޫމާތުތައް ކޮމެޓީއަށް އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ. އެހެންކަމުން ކޮމެޓީ އިން ވަނީ އެ ޑޮކްޓަރުންނާއި އެކުގައި ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ. އެ ބައްދަލުވުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.

މީގެއިތުރުން ވަކި ބައްދަލުވުމެއް އަދި ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް ކަން ކުރެއްވި ބޭފުޅުންނާ އެކު ވަކި ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ހަމައެއާއެކު ޑަބްލިއުއެޗްއޯގެ ބޭފުޅުންނާއި ސިއްހީ ދާއިރާގެ އަމިއްލަ ޖަމިއްޔާތަކާއި ތެލެސީމިއާ ސެންޓަރާއި އައިޖީއެމްއެޗްއާ ވެސް ބައްދަލުވުމެއް ބާއްވަން ވަނީ ކޮމެޓީން ނިންމާފައެވެ.