ދުނިޔެއަށް ނުރައްކާ ކުރަމުންދާ ކޮވިޑް-19 ގެ ބިރާއި ރާއްޖެއަށް ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މި ބަލިމަޑުކަމާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައި އެތައް ދުވަހެއްވަންދެން އޮތުމަށްފަހު ރާއްޖޭގައި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު، އަނެއްކާވެސް ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނައިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ވެސް އަންނަނީ ގިނަ ވަމުންނެވެ. ހަމަ އެހެންމެ އަތޮޅުތަކުން ފައްސިވާ މީހުންގެ އަދަދުވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ އިތުރުވާން ފަށާފައެވެ.

ރާއްޖޭގައި ބަލި ފެތުރުމަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް މީހެ މަހެއްހާ ދުވަސްކުރިން އައިސްފައި ވީނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެއާއެކު ބައްޔަށް ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ކުރާ 1936 މީހަކު އެބަތިއްބެވެ. މިއީ މިހާތަނަށް މި ބައްޔަށް ފަރުވާދޭ މީހުންގެ އަދަދު މިހާތަނަށް އެންމެ ބޮޑަށް އިތުރުވި ފަހަރެވެ. އިއްޔެއާއި ހަމައަށް މި އަދަދު ހުރީ 1869 ގައެވެ. ފަރުވާދޭ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އިއްޔެ ވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު އަލަށް ފައްސިވުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން އިތުރު 86 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި ބަންގްލަދޭޝްގެ 22 މީހަކާއި، އިންޑިއާ 27 މީހެއްގެ އިތުރުން އިންޑިއާ މީހަކާއި ފިލިޕީންސް މީހަކާއި ލަންކާ މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4680 އަށް އަރާފައެވެ.

ރައްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 128 މީހަކަށް މިހާރު ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. މީގެތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާކަން ވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 ގެ ވޭދަނަތައް ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިވަގުތު ކޮވިޑް-19 ގެ ވޭދަނަތައް މާލޭގެ އިތުރުން 8 އަތޮޅެއްގެ 15 ރަށެއްގައި އެބަހުއްޓެވެ. އޭގެތެރޭގައި ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ނާވައިދޫ ނ. ސޮނޭވާ ޖާނީ ރިސޯޓް، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ހިތާދޫ، ބ. ކަމަދޫ، ބ. ސީސައިޑް ފިނޮޅު ރިސޯޓް، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. މާފުށި، ވ. ފުލިދޫ އަދި ޏ. ފުވައްމުލައް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 2466 ދިވެހިންނާއި 2214 ބިދޭސީއެކެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 2725 މީހެކެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 19 މީހެކެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 19 މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި މިދިޔަ އަންގާރަ ދުވަހު ނިޔާވި އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު ވެސް ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ. މީގެ އިތުރުން ރާއްޖޭގައި ސިއްޙީ އެހެން ހާލަތްތަކުގައި ނިޔާވި ހަތަރު މީހަކުވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު މީހަކު ނެތް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ނަމަވެސް އައިސޮލޭޝަންގައި 1391 މީހަކު އެބަތިއްބެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 85,587 ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 152 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓައްޕު

    ﷲ އިންސަަަަާާނުން އިމްތިހާާާނު ކުރައްވނީއެވެ ބޭނުންަވާ ތަކެއްޗާޢި ލޯބިވާ މީހުން ގެން ދެވުމުންނެވެ ބިރުވެތިވެ ރަހުމަތް ލެއްވުމަށް އެދޭށެވެ