ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް ހިންގި އިތުރު 15 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ އެޖެންސީން ރޭ ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވަނީ އިންސްޕެކްޝަންގައި އިއްޔެ 240 ތަނެއް ބަލައި އޭގެ ތެރެއިން ގަވައިދަށް ނުފެތޭ 15 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. ބަންދުކޮށްފައި ވަނީ ހަ ސެލޫނަކާއި، ހަތް ފިހާރައިގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ދެ ތަނެކެވެ.

އެޗްޕީއޭގެ އުސޫލުތަކާ ހިލާފުވެގެން މިދިޔަ ބުދަ ދުވަހު 20 ތަނެއް ބަންދުކޮށްފައިވެއެވެ.

އުސޫލާ ހިލާފުވާ ތަންތަން ބަންދު ކުރުމަށް ފަހު، އެ ތަންތަން ރަނގަޅުކޮށްފައި އެންގުމުން ކަމާބެހޭ ފަރާތްތަކުން ބަލާފައި އަލުން ހިންގުމުގެ ހުއްދަ ދޭނެއެވެ. އެގޮތުން، މިހާތަނަށް އައިއިރު ގިނަ ތަންތަނުން ކަންކަން ރަނގަޅުކޮށް ހިދުމަތް ދޭން ވަނީ ފަށައިފައެވެ.

އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން ހިންގަމުން އަންނަ އިންސްޕެކްޝްންގައި ބަންދު ކުރި ތަންތަނުގެ ތެރޭގައި މާލޭގެ ބައެއް މަޝްހޫރު ރެސްޓޯރަންޓުތަކާއި ކެފޭތައް ހިމެނެއެވެ.

މި ތަންތަން ބަންދުކުރުމަށްފަހު ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެޗްޕީއޭ އިން ގާއިމްކޮށްފައިވާ އުސޫލުތަކާއި ހިލާފަށް އެތަނުން ހިދުމަތް ދެމުންގެންދާތީ އެތަން ބަންދުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ އުސޫލުތަކުގައިވާ ގޮތުން ފިހާރަތަކާއި ކެޕޭ ރެސްޓޯރަންޓްތަކާއި ޖިމާއި މާރުކޭޓް ފަދަ ތަންތަނަށް މީހުން އެއް ފަހަރާއި ވެދެވޭނެ އަދަދުތައް ވަނީ ކަނޑައަޅައިފައެވެ. އެ ތަންތަނުން ގހިދުމަތް ހޯދާ މީހުން މާސްކް ނާޅައި ތިބޭނަމަ އެތެރެއަަށް ނުވެއްދުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު