ބަލަމުންދާ މައްސަލައަކާއި ގުޅިގެން ގާނޫނީ ވަކީލް ހިސާން ހުސައިން ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ކްރިމިނަލް ކޯޓަށް ހާޒިރުވާން ހިސާން އަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

ހިސާން ކޯޓަށް ހާޒިރުކުރަނީ ކްރިމިނަލް ކޯޓުގެ ނަންބަރު: 252/Cr-C/2018 ގަޒިއްޔާ ނިމުނުފަހުން މީޑިއާ އަށް ދީފައިވާ މައުލޫމާތަކާ ގުޅިގެން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ކޯޓުން ހިސާން ފޮނުވި ޗިޓްގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގަޒިއްޔާއަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އެ ދެ ބޭފުޅުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލައެވެ.

ހިސާން ކޯޓަށް ހާޒިރުވާން އަންގާފައިވާއިރު ޝަރީއަތަށްފަހު މީޑިއާގައި ދައްކާ ވާހަކަތަކާއި ގުޅިގެން މީގެކުރިން ވެސް ބައެއް ވަކީލުން އެ ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އެގޮތުން މިދިޔަ މާޗު މަހު ގާނޫނީ ވަކީލު ހުސްނުސޫދު ވެސް ވަނީ އެފަދަ ވާހަކައަކާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި ފަހުން އޭނާ ވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ.