ދެކުނުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރާ އެކުއްޖާގެ ބައްޕަ އަލުން ހައްޔަރުކޮށްފި އެވެ.

އޭނާ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހު އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ. ނަމަވެސް އަންގާރަ ދުވަހު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރު ކުރުމުން މެޖިސްޓްރޭޓް ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލަން މެޖިސްޓްރޭޓް އަމުރު ކުރީ އޭނާ ބަންދުކޮށްފައި ބަހައްޓަން ޕީޖީން އެދިފައި ނުވާތީ ކަމަށް ބުނެ އެވެ.

ފުލުހުން މިރޭ ވިދާޅުވީ އޭނާ ދޫކޮށްލަން ނިންމި މައްސަލަ މުރާޖައާކުރުމަށްފަހު، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އޭނާ ބަންދުގައި ބަހައްޓަން އަމުރު ކުރުމުން މިރޭ ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ބައްޕަ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު ބައެއް މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ބަންދުން ދޫކޮށްލާތީ އާއްމުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމަނަ

    ފަހަކަށްއައިސް ކުޑަކުއްޖެއްވިއަސް އަދި ބޮޑުކުއްޖެއްވިއަސް ނުވަތަޖަލުބަންދުގައި ހުއްޓަސް ބައިމީހަކުވެއްޖެނަމަ ރޯޔަލް ފެމެލީގެ ނަމުގައި ދޫކޮށްލާތަންފެނެއި ވަކި ބަޔަކަށް އިންސަފުދޯ