ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް އިން މިރޭ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މި ސަރަޙައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 3:45 އިން ފެށިގެން ހެނދުނު 8:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ސަމާލުގެ ވަގުތުގައި މި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް ސަމާލުގައި ބުނެފައި ވެއެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ރޭ 20:00 އިން ފެށިގެން މެންދަމު 1:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ވެސް ހުދު ސަމާލު ނެރެފައި ވެއެވެ.

ރާއްޖެއަށް މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެފައި ވަނީ، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ.

"ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ،" މޫސުމައި ބެހޭ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުންވެސް އެކަށީގެންވާ ކަމަށެވެ.

ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.