ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލ. ކަލައިދޫގެ ބޮޑު ސަރަހައްދަކަށް އުދަ އަރައިފިއެވެ.

ކަލައިދޫ ކައުންސިލްގެ ރައީސް ހުސައިން ހަލީލް "ވަގުތަށް" ވިދާޅުވީ ކަލައިދޫގެ ބޮޑު ސަރަހައްދަކަށް އުދަ އަރައި ރަށަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އުދަ އަރާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި މުޅި ކަލައިދޫގެ ގާތްގަނޑަކަށް 800 ފޫޓަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަލައިދޫއަކީ ސުނާމީގައި ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށެކެވެ. ހަލީލް ވިދާޅުވީ ކަލައިދޫ އަށް އުދަ އަރާފައި ވަނީ ރަށުގެ އިރުމަތީ ފަރާތުން ކަމަށާއި އެ ސަރަހައްދަކީ ކައުންސިލް އިދާރާ އާއި، ކުނިކޮށި ވެސް ހުންނަ ސަރަހައްދު ކަމަށެެވެ.

އުދައިގެ ސަބަބުން ކައުންސިލް އިދާރާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ހަލީލް ވިދާޅުވިއެވެ. ނަމަވެސް ކުނި ކޮއްޓަށް ފެންގަނޑު ވަދެ އެތަނަށް ގެއްލުން ލިބުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ހަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިއީ 2004 ވަނަ އަހަރު ރާއްޖެ އެރި ސުނާމީ އަށް ފަހު، ކަލައިދު އަށް މިހާ ބޮޑަށް އުދަ އެރި ފުރަތަމަ ފަހަރެވެ. ސުނާމީގައި ކަލައިދޫގެ 80 އިންސައްތަ ސަރަހައްދަށް ގެއްލުން ވަނީ ލިބިފައެވެ.

ހަލީލް ވިދާޅުވީ ލޮނިގަނޑު މިހާރު އޮތީ ގާތްގަނޑަކަށް މީހުން ދިރިއުޅޭ ގެތަކާއި ހިސާބަށް އަރާފައި ކަމަށާއި ކައުންސިލުންނާއި ރައްޔިތުން ގުޅިގެން ގެއްލުން ނުވާނޭހެން ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ރަށުގެ އިރުމަތީ ފަރާތަކީ ވަރަށް ގިނައިން ބަނބުކެޔޮ އޮންނަ ސަރަހައްދެއް. އުދައިގެ އަސަރު ކުރުމުން ބަނބުކެޔޮ ގަސްތަކަށް ވަރަށް ބޮޑަށް ގެއްލުން ވާނެ. އަޅުގަނޑުމެން މިހާރު ވާނީ މިކަން ކަމާބެހޭއިދާރާތަކާއި ވެސް ހިއްސާކޮށްފައި." ހަލީލް ވިދާޅުވިއެވެ.