ޖުލައި މަހު އެކަނިވެސް ގައިދީން ޖަލަށް ވައްދައިގެން އުޅުނު 44 ފޯނެއް އަތުލައިގެންފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފިއެވެ.

ކަރެކްޝަނުން އާންމު ކުރި ތަފާސް ހިސާބުގައި ވާގޮތުން މިދިޔަ މަހު މާފުށީ ޖަލުން 21، ފޯނެއް މާލެ ޖަލުން 13 ފޯނު އަދި އައްސޭރި ޖަލުން 10 ފޯނެއް ވަނީ އަތުލައިގެންފައި ކަމަށެވެ. މީގެ އިތުރުން 18 ޗާޖަރަކާއި، 38 ސިމާއި، ތިން ހެޑްސެޓާއި، އަށް ބެޓެރި ވަނީ ގައިދީން އަތުން އަތުލައިގަނެވިފައި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އަދި އެ މުއްދަތު ތެރޭގައި މާފުށީ ޖަލުން ވަނީ 229.18 ގްރާމްގެ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ. އަދި ޖަލުގައި ގެންގުޅުން މަނާ އެހެނިހެން 23 ބާވަތެއް ވެސް މިވަނީ ހަމަ އެ މުއްދަތުގެ ތެރޭގައި އަތުލައިގެންފައެވެ.

އެކި ކުށްތަކަށް އަރައިގަނެގެން މިދިޔަ މަހު ޖަލަށް ލާފައި ވަނީ 68 މީހުންނެވެ. މިދިޔަ މަހުގެ ތެރޭގައި ޖަލަށް ގެންދިޔަ މީހުންގެ ތެރެގައި ގިނައިން ހިމެނެނީ ވައްކަމާއި ފޭރުން ފަދަ ކުށްތަކުގައި ޖަލަށް ގެންދިޔަ މީހުންނެވެ. މިދިޔަ މަހު ޖަލަށް ގެންދިޔަ މީހުންގެ ތެރެއިން 43.75 އިންސައްތަ މީހުންނަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖަލަށް ލީ މީހުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައި ވަނީ 37.5 އިންސައްތަ މީހުންނެވެ.

ކޮރަޕްޝަނާއި ފައިސާ އާއި ގުޅުން ހުރި ކަންކަމާއި ގުޅިގެން 6.25 އިންސައްތަ މީހުން ޖަލަށް ލާފައިވާއިރު ގަވައިދަށް ނުކިޔަމަންތެރިވެގެން ވެސް 6.25 އިންސައްތަ މީހުން ވަނީ ޖަލަށް ލާފައެެވެ. އަދި ހަތިޔާރު ބޭނުންކޮށްގެން ވެސް 6.25 އިންސައްތަ މީހުން ވަނީ މިދިޔަ މަހު ޖަލަށް ލާފައެވެ.