ކޮވިޑް-19ގެ ވޭދަނަތައް (ކޭސްތައް) ފެނިފައިވާ ހއ. އިހަވަންދޫ ކަރަންޓީނުން ނަގައި އާންމު ހާލަތައް ގެނެސްފިއެވެ.

އިހަވަންދޫ އިން ކޮވިޑް-19 ގެ ވޭދަނަ ފެނިގެން ދެފަހަރެއްގެ މަތިންއެ ރަށް ކަރަންޓީނު ކުރިއެވެ. އެންމެ ފަހުން އެރަށް ކަރަންޓީނު ކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެރަށުން މިހާތަނަށް ކޮވިޑް-19 އަށް 3 މީހަކު ވަނީ ފައްސިވެފައެވެ. އެއީ އެރަށު "242" ބޯޓުގައި މަސައްކަތް ކުރާ ދެ މީހަކާއި "ތަހުތު" ނަމަކަށް ކިޔާ ބޯޓުގެ މީހެކެވެ.

އިހަވަންދޫ އާންމު ހާލަތަށް ގެނެސްފައިވާ ކަް ހާމަކޮށް އެރަށު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރަށް ކަރަންޓީނުން ނަގާފައިވަނީ ފައްސިވާ ފަރާތްތަކާއި ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެވިފައިވާތީ އެޗްޕީއޭގެ އަންގާފައިވާތީ ކަމަށެވެ. އެހެން ނަމަވެސް ރައްކާތެރި ކަމުގެ ގޮތުން ބައެއް ކަހަލަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ބޭރަށް ނުކުންނައިރު ހުރިހާ މާސްކް އެޅުން މަޖުބޫރުކޮށް، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ނަމާދަށް މިސްކިތަށް ނުދިއުމަށާއި، މިސްކިތަށް ދާ މީހުން މާސްކާއި މުސައްލަ ބޭނުންކުރުމަށާއި، އިޖުތިމާއީ އާންމު އެއްވުންތަކާއި ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށާއި، އާންމު ޚިދުމަތްދޭ ތަންތަނުން ކަމާބެހޭ އިދާރާތަކުގެ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރަތައް ނޫނީ އެއް ރަށުން އަނެއް ރަށަށް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެރަށު ކައުންސިލުން ވަނީ އެރަށު މަސްވެރިންނަށް މަސްވެރިކަމަށް ނުކުމެ އުޅުމަށް ހުއްދަވެސް ދީފައެވެ. އަދި އިތުރު ވޭދަނަތައް ފެނިއްޖެ ހާލަތެއްގައި ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިނަމަ، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެރަށް އާއްމު ހާލަތަށް ގެނެސްފައިވާއިރު، މާދަމާ އެރަށު ސްކޫލްގައި ކިޔެވުން ނުފަށާ ގޮތަށް ކުރިން އެޑިއުކޭޝަން މިނިސްޓްރީން އޮތީ ނިންމާފައެވެ.

ރާއްޖެއިން ކޮވިޑް-19ގެ ވޭދަނަތައް އިތުރުވެފައިވާއިރު، މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ވެރިރަށް މާލެއިންނެވެ. އަދި މާލެއިން ރަށްރަށަށް ދާ ބައެއް ފަރާތްތަކުންވެސް ފަހަކަށް އައިސް ފައްސިވާ މިންވަރު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު