މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެޤައުމުގެ ޔުނިވަރސިޓީތަކާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލަރޝިޕްގެ ފުރުސަތު އިތުރުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ފުރުސަތުތަށް އިތުރު ކޮށްދެއްވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނިންމުންތަކާއި ގުޅިގެން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މޮރޮކޯ ސަރުކާރުން މީގެކުރިން ދިވެހި ސަރުކާރަށް ދެމުން އައިސްފައި ވަނީ އަހަރަކު ފަސް ސްކޮލާޝިޕް ކަމަށެވެ. އެހެން ނަމަވެސް މޮރޮކޯ ސަރުކާރުގެ އެ ނިންމުމުގެ ސަބަބަން މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް، ސައިންސާއި، ފަންނީ އަދި އިގްތިސާދީ ދާޢިރާތަކުންނާއި، އިސްލާމިކް ސްޓަޑީޒްއާއި އަރަބިކް ލެންގުއެޖް އަދި ލިޓްރެޗާގެ ދާއިރާތަކުން މަތީ ތައުލީމް ޚާސިލްކުރުމަށް 20 ސްކޮލާޝިޕް ފުރުސަތު ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު އުސޫލުގެ މަތިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ ފަރާތުން ހުޅުވާލެވިގެން ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މޮރޮކޯއަކީ ދިވެހިރާއްޖެއާއެކު ޒަމާންވީ ގާތް ގުޅުމެއް އޮންނަ އަޙުވަންތަ ޤައުމެކެވެ. ފޮރިން މިނިސްޓަރު ޝާހިދު މިދިޔަ އަހަރު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ދިވެހި ތާރީޚުގައިވެސް ދިވެހި ޚާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުވެސްމެއެވެ. އެހެންކަމުން އެ ދަތުރުފުޅުވެގެން ގޮސްފައި ވަނީ މޮރޮކޯ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އިތުރުވި ބޮޅަކަށެވެ.

އެދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި، ތަރައްޤީގެ އެކި ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާތައްކުރެވިފައިވާއިރު މޮރޮކޯ ސަރުކާރާ ދިވެހި ސަރުކާރާދެމެދު ހަތަރު ބައިލެޓްރަލް އެގްރީމެންޓެއްގައި ވަނީ ސޮއިކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ސްކޮލަޝިޕް އިތުރުވާ ވާހަކައާއި އެހީ ލިބޭ ވާހަކަ ވަރަށް ގިނައިން އަޑުއިވޭ ކުއްޖަކު ފުރައިގެން ދިޔަކަމެއް ނޭނގޭ، ދާދިފަހުން މެލޭޝިޔާއިންވެސް 100 ސްކޮލަރޝިޕެއް ލިބުނުވާހަކަ މިނިސްޓަރ ވިދާޅުވި، އެ ލިބުނީ ކޮންބަޔަކަށް ކަމެއްވެސް ނޭނގޭ، އިޢުލާން ނުކޮށް ގޭކުދިންކޮޅު ފޮނުވާލީބާ، 2019 ގަވެސް ހެދީ އެހެންނު، އޮޅުވާލާފަ ބަހައްޓާ ފޯމް ފިލްކުރުމުގެ މައްސަލަ އުޅެނީއޭ ކިޔާފަ މޮޅުކުދިން ބާކީކޮށް ގޭކުދިންނަށް ފުރަތަމަ ބުރުގެ ސްކޮލްތައް ހަމަޖައްސާފަ ފަހުން އިޢުލާންކޮށް ފޯމްފުރަންވީ ގޮތް ކިޔާދީ މަދުވާ ލިޔުންތައް ގެންނަށްފުރުޞަތުދީ ހެދީ، އޭރު ބޭނުންކުދިން ފެންވަރު ދައްކުދިންތިބީ ފުރަތަމަބުރުން ހޮވާ ނިންމާފަ.