ރޭގެ ވަގުތެއްގައި އިންޑިއާގެ ކެރެލާގެ ސިޓީއެއް ކަމަށްވާ ކޮޒިކޯޑްގެ އެއާޕޯޓުގައި ޖައްސަން އުޅެނިކޮށް އެކްސިޑެންޓްވި ފްލައިޓު ދުއްވަން އިން ކޯޕައިލެޓް، އަކިލޭޝް ޝަރްމާ(32އ)ގެ އަނބިމީހާ މޭގާ (29އ)އަށް ފިރިމީހާގެ މަރުގެ ހަބަރު ނުލިބޭ ކަމަށާއި، އޭނާ އިނީ ވިހަން ތައްޔާރުވެފައި ކަމަށް އާއިލާއިން ބުނެފިއެވެ.

އަކިލޭޝްގެ އާއިލާ ދިރިއުޅެމުން ދަނީ އުއްތަރް ޕްރަދޭޝްގެ ގޮވިންދް ނަގަރް ގައެވެ.

"އަހަރުންނަށް ކުއްލިއަކަށް ހަބަރު ލިބުނީ ފްލައިޓް އެކްސިޑެންޓް ހާދިސާ އާ ގުޅިގެން އަކިލޭޝަގެ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރިކަން، ފަހުން އެރޭ އެނގުނީ މަރުވިކަންވެސް. އަހަރެންގެ ބޭބެ ބުވްނެޝް އާއި ސަންޖީވް ޝަރްމާ މި ވަނީ ދިއްލީން ކޮޒިކޯޑްއަށް ގޮސްފައި" އުމުރުން 24 އަހަރުގެ ލޮކޭޝް ޝަރްމާ ބުންޏެވެ.

ލޮކޭޝް ޝަރްމާއަކީވެސް ކޮމާޝިއަލް ޕައިލެޓަކަށް ވުމަށް ހުވަފެންތައް ދެކެމުން އަންނަ ޒުވާނެކެވެ.

"އަހަރުމެން އަދި ނުބުނަން މޭގާ ކައިރީގައި އޭނާ ފިރިމީހާގެ މަރުގެ ވާހަކައެއް، އެއީ އޭނާ އޮތީ ވިހަން ތައްޔާރުވެފައި ކަމަށް ވާތީ. އެކަމަކު އޭނާއަށް އިނގޭ ބޯޓު އެކްސިޑެންޓް ވިކަން" ލޮކޭޝް މިއަދު ހިންދުސްތާނީ ޓައިމްސްއަށް ބުންޏެވެ.

އަކިލޭޝްއަކީ އެ އާއިލާގެ އެންމެ ބޮޑު ފިރިހެން މީހާއެވެ. މީގެ އިތުރުން ދެން ތިބޭނީ 28 އަހަރުގެ ބުވްނޭޝް އާއި ލޮކޭޝްގެ އިތުރުން ދައްތައެވެ. އެ މީހުންގެ ބައްޕަ ތުލްސީ ރާމް ޝަރްމާއަކީ ވިޔަފާރި ވެރިއެކެވެ.

އަކިލޭޝް ޕައިލެޓަކަށް ވުމަށް ކިޔަވާފައި ވަނީ ސީއޭއީ އޮކްސްފޯޑް އޭވިއޭޝަން އެކަޑަމީންނެވެ. އޭނާ އެއާ އިންޑިއާއާ ގުޅުނީ 2017 ވަނަ އަހަރުއެވެ. އަދި މޭގާ އާއި ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ.

ރޭ އިންޑިއާ ގަޑިން 7:41 ހާއިރު ހިނގި މި އެކްސިޑެންޓްގައި 18 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެ ކެރަލާގެ ހޮސްޕިޓަލްތަކުގައި ވަނީ އެޑްމިޓްކޮށްފައެވެ.

ދުބާއީން އިންޑިއާއަށް ދަތުރު ކުރަމުންދިޔަ އެއާ އިންޑިއާގެ އެ ފްލައިޓް އެކްސިޑެންތްވެފައި ވަނީ ކެރެލާގެ ކޮޒިކޯޑް (ކެލިކަޓް) އެއާޕޯޓަށް ޖެއްސިފަހުން ރަންވޭއިން ކަހާލައިގެން ގޮސްގެންނެވެ.