ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ ނެރެފައިވާ ހުދު ސަމާލު ދަމަހައްޓައިފި އެވެ.

މޫސުމާއި ބެހޭ އިދާރާއިން ރޭ 1:00 އިން ފެށިގެން ހެނދުނު 6:00 އާއި ހަމައަށް ހއ. އަތޮޅުން ރ. އަތޮޅާއި ހަމައަށް ނެރެފައިވާ ހުދު ސަމާލު ދަމަހައްޓާފައި ވަނީ، 6:00 އިން ފެށިގެން 11:00 އާއި ހަމައަށެވެ. ސަމާލުގެ މުއްދަތު އިތުރުކޮށްފައި ވާއިރު، މިފަހަރުގެ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހިމެނޭ 14 އަތޮޅަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ސަމާލުގެ ވަގުތުގައި މި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މިދިޔަ ދުވަސްތަކުގައި އެންމެ ބޮޑަށް ވިއްސާރަވެ މޫސުން ގޯސްވެފައި ވަނީ އުތުރުގެ ސަރަޙައްދުތަކަށެވެ. މިގޮތުން ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން ފެންބޮޑުވުމުގެ ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ.

ރާއްޖެއަށް މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

"ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް، މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.