50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ޅ.އަތޮޅުން ފެށިގެން ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުމާއި އެކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު ސަމާލުގައި ވިދާޅުވެފައި ވެއެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 11:45 އާއި ހަމައަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވެއެވެ.

ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ހުންނާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައި ވެއެވެ. އާންމުކޮށް ހުރިހާ ފަރާތްތަކުން ޙާއްސަކޮށް ކަނޑު ދަތުރު ކުރާއްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.