ކޮވިޑް 19 އަށް ފައްސިވި ފަހުން އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ނިޔާވި އައްޑޫސިޓީ ހިތަދޫ އާމިނަތު ހުޝާމާގެ މަރުގެ މައްސަލައިގައި އާއިލާއިން ކަންބޮޑުވުން ފާޅުކޮށް އަދި އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެމައްސަލަ ބަލައި ދިނުމަށް އާއިލާ އިން އެދިއްޖެއެވެ.

އުމުރުން 52 އަހަރުގެ ހުޝާމާގެ މަރުގެ މައްސަލައާއި ގުޅިގެން އޭނާ ކޮއްކޮ އަދުހަމް މުފީދު ވަނީ ހުޝާމާ އަށް ފަރުވާ ދިނުމުގެ ކަންކަން ހިނގި ގޮތާއި ބެހޭ ގޮތުން ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވެމުން ދިއުމާއި ގުޅިގެން ކަން ހިނގި ގޮތް ތަފްސީލްކޮށް ބަޔާންކޮށް އަދި ކުރެވޭ ތުހުމަތުތައް ވެސް ފާހަގަކޮށް ކަމާ ބެހޭ މުއައްސަސާތަކަކަށް އެ މައުލޫމާތު ހިއްސާކޮށްފައެވެ.

އެޗްޕީއޭއަށް އަދުހަމްގެ ނަމުގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 01 އޯގަސްޓް 2020 ވީ ހޮނިހިރު ދުވަހުގެ ރޭ 23:12 ގައި އޭނާގެ ދައްތަ ނިޔާވުމާ ގުޅިގެން އާއިލާއިން އިހްމާލްވެފައިވާ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީ ޙަޤީގަތުގައި ވެސް މިކަމުގައި އިޙްމާލުވީ އާއިލާ އިންތޯ ނުވަތަ އެހެން ފަރާތަކުން ތޯ ބައްލަވާ ދެއްވާ އެފަރާތްތަކާ ދޭތެރޭ އެޅުއްވެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާ ދެއްވާ އަދި މިފަދަ ދެވަނަ ހިތާމަވެރި ހިތްދަތި ހާދިޘާ އެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ކުރެވޭނެ އުޞޫލްތަކެއް ހައްދަވައިދެއްވުން އެދިފައި ވެއެވެ. މި ސިޓީގައި ހުޝާމާ ނިޔާވުމާއި ހަމައަށް ކަން ހިނގި ގޮތް ވަނީ ތަފްސީލްކޮށް ދީފައެވެ.

"އޭއޯ ނިއުސް" ގައި ވަނީ އަދުހަމްގެ ސިޓީގައި ހުރި ކަންކަން ހާމަކުރައްވާފައެވެ. ތިރީގައި އެވަނީ އެނޫހުގައި ބުނެފައިވާ ގޮތުގައި ސިޓީހައި ބަޔާންކޮށްފައިވާ ކަންތައްތަކެވެ.

  • އަޅުގަނޑުގެ ދައްތަ އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ ތެރޭގައި ސްޓްރޯކެއްޖެހިގެން IGMH އަށް ގެންގޮސް އެތާ ER ގައި 5ގަޑިއިރަށް ވުރެން ގިނައިރު، އެޑްމިޓް ކުރާނެ ބެޑެއްނެތިގެން ބޭއްވުމަށްފަހު، އެންމެ ފަހުން ADK ހޮސްޕިޓަލަށް ގެންގޮސް އެތާގެ HDU ގައި ބާއްވައިގެން މަސްދުވަސްވަންދެން ބޭސްފަރުވާ ކޮށް މާތް ﷲ ގެ ވާގިފުޅާއެކު ޝިފާ ދެއްވާފައިވާ ދާއިމީ ކޮށް ބޭސް ކަމުންދާ ހައި ރިސްކް މީހެކެވެ. އެހެންކަމުން ކޮވިޑް19 ގެ ބަލިމަޑުކަން ފެށުނީއްސުރެންވެސް ދައްތައަކީ ގެއިން ނިކުމެ ތަންތަނަށް ގޮސް ހަދާމީހެއް ނޫނެވެ. އަދި މިމުއްދަތުގެ ތެރޭގައި އާއިލާ އަދި އެއްވެސް ރަޙްމަތްތެރި އަކުވެސް އެގެޔަށް ގޮސްފައެއް ނުވާނެއެވެ.
  • ނަމަވެސް، ދައްތަ ނިޔާވުމުގެ ހަތަރު ފަސް ދުވަސް ކުރިން ވަރަށް ގަދައަށް ހުން އަންނާތީ ދައްތައަށް ބޭސްފަރުވާ ކުރަމުންދާ ދައްތަގެ ހިސްޓްރީ އެންމެ ރަނގަޅަށް ދަންނަ ADK ހޮސްޕިޓަލަށް 26 ޖުލައި 2020 ވަނަ ދުވަހު ގެންދެވުނެވެ. ދައްތަ ބެއްލެވި ޑރ. ވަރަށް ގިނަ ލޭގެ ޓެސްޓްތަކެއް ހަދަންދިނެވެ. މީގެ ތެރެއަކު ކޮވިޑް19 ޓެސްޓް ނުހިމެނެއެވެ. ޑރ. ދެއްވި ޓެސްޓް ތަކުގެ ރިޕޯޓްތަކުގެ ނަތީޖާ ލިބިފައިވަނީ 27 ޖުލައި 2020 ، 28 ޖުލައި 2020 އަދި 29 ޖުލައި 2020 ގައެވެ. މިރިޕޯޓްތައް މިސިޓީ އާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • ދައްތަގެ ހުން ވިހެނުލާތީ ކޮވިޑް19 ކަމަށް ޝައްކު ކުރެވޭތީ ސެނެހިޔާގައި ހުންނަ ފުލޫ ކްލިނިކަށް 31 ޖުލައި 2020 ހުކުރު ދުވަހު ހަވީރު 16:30 ހާއިރު ގެންދެވެނެވެ. ނަސީބު ދެރަކަމުން އެވަގުތު އެތާގައި ކޮވިޑް19 އަށް ޓެސްޓްކުރާ ކިޓް އެއްކޮށް ހުސްވެފައިވާތީ 01 ގަޑި އިރަށް މަޑު ކުރުމަށް ދެންނެވުނެވެ. ނަމަވެސް ހުންގަދަ ކަމުން ގަޑިއެއްހާއިރަށް ކެތްނުކުރެވޭނެ ކަމަށް ބުނެ ADK ހޮސްޕިޓަލަށް ގެންދެވުނެވެ.
  • ދައްތަ ADK އަށް ގެންގޮސް ކޮވިޑް ޓެސްޓް ހަދާދޭން އެދުމުން އެޓެސްޓް ހަދަން ނުޖެހޭނެކަމަށް ވިދާޅުވެ ޑރ. ވަރަށް ގިނަ ބޭސްތަކެއް ދިނުމަށް ފަހު ގެއަށް ފޮނުވާލިއެވެ. މިސިޓީ އާއެކު ޕްރިސްކްރިޕްޝަންގެ ކޮޕީއެއް އެޓޭޗް ކުރެވިފައިވާނެއެވެ.
  • ދައްތައަކީ އޭނާއަކީ ހައިރިސްކް މީހެއްކަން ދަނެ އަދި އޭނާއަށް ކޮވިޑް ޖެހިއްޖެނަމަ ކްރިޓިކަލް ޙާލަތަކަށް ގޮސްދާނެ ކަން އެނގޭތީ އެކަމާ ވަރަށް ބޮޑަށް ރައްކާތެރިވެގެން ހުރި މީހަކަށް ވެފައި ADK އިން ކޮވިޑް ނޫންކަމުގެ ޔަޤީންކަން ޑރ. ދެއްވުމުން އެކަމާ ހިތްހަމަޖެހުނު ވަރުން އެވާހަކަ އާއިލާގެ އެހެން މީހަކަށް ގުޅާފައި ބުނި ކަމަށް އާޢިލާ މީހަކު ވަނީ ބުނެފައެވެ. އަދި އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ދައްތަގެ ފޭސްބުކްގައި އޭނާ އުޅެނީ ވަރަށް ގަދަ ހުމެއް ޖެހިގެންކަމަށް ބުނެ އާއިލާ އަށާއި ރަޙްމަތްތެރިންނަށް ޢީދު މުބާރަކް ފޮނުވާފައިވެއެވެ.
  • 01 އޯގަސްޓް 2020 ވަނަ ދުވަހު ނޭވާއަށް އުނދަގޫ ކުރި ނަމަވެސް 2019 ވަނަ އަހަރުގެ ޑިސެމްބަރ ތެރޭގައި ވެސް ގަދަ ހުމެއްޖެހި އޮކްސިޖަން ދަށްވެގެން ADK އަށް ދައްކާ އަދި IGMH ގެ ޕަލްމޮނޮލޮޖީ ޑިޕާޓްމަންޓް އިންބޭސްކޮށްގެން ދައްތައަށް ވަނީ މާތް ﷲ ޝިފާ ދެއްވާފައެވެ. އެހެންކަމުން ގޭގައި ސްޓީމް ކުރީމާ ފަސޭހަ ކަމަށް ބުނާތީ އާއި ގިނަ ގިނައިން ހޮސްޕިޓަލަށް ދިއުމަކީ އެހާ ހައިރިސްކް މީހަކަށް އެންމެ ރަނގަޅު ގޮތަކަށް ނުވާތީ ދައްތަ ބޭނުންވީ ހޮސްޕިޓަލަށް ނުގޮސް ވޭތޯއެވެ. އެހެންކަމުން ފޯންގެ އެޕް އަކުން ބްލަޑް ޕްރެޝަރ އާއި އޮކްސިޖަން ލެވެލް ޗެކް ކުރިއިރު 80 އަށް ދަށްވުމުން އެއީ ވަރަށް ކްރިޓިކަލް ކޮންޑިޝަންއަކަށް ދިޔައީ ކަން ކަށަވަރުވެ، ހަވީރު 16:00 އެއްހާއިރު IGMH އަށް ގެންދެވުނެވެ.
  • IGMH ގެ އީއާރުގައި އެޑްމިޓްކޮށް ވަގުތުން ކޮވިޑަށް ޓެސްޓް ކުރަން ފޮނުވިއެވެ. އަދި ދައްތައަށް ވަގުތުން އޮކްސިޖަން ފޯރުކޮށްދޭން ފެށިއެވެ. ނަމަވެސް އޮކްސިޖަން ލެވެލް 80 އިން މައްޗަށް ނުދާކަމަށް ER އިން ދައްތަގެ ދަރިފުޅަށް ގުޅާފަ ބުނަމުން ދިޔައެވެ. ހިތާމައާއި ޝަކުވާ ކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އޮކްސިޖަން މައްޗަށް ނުދިޔާއިމާ ވެސް 04 ގަޑި އިރު ވަންދެން އެއްވެސް ފަރުވާ އެއް ނުދީ ކޮވިޑް ރިޒަލްޓް ލިބެންދެން ދައްތަ ބޭއްވުމެވެ.
  • ކޮވިޑް ޓެސްޓް ނަތީޖާ ލިބުމުން ވަގުތުން ދައްތަގެ ދަރިފުޅަށް ގުޅާފައި ދައްތަ ވެންޓިލޭޓަރަށް ލާން ޖެހޭ ވާހަކަ ބުނެ ފޯމްތަކުގައި ސޮއި ކުރެވުނެވެ. އަދި ވަރަށް އަވަހަށް DH އަށް ގެންދާ ވާހަކައާއި މިހާރު DH އަށް ގެންދިއުމަށް ރެޑީވާހަކަ ތަކްރާރުކޮށް ބުނެފައިވެއެވެ. އަދި ޕޯޓަބަލް ވެންޓިލޭޓަރެއްގެ ވާހަކަ ވެސް ދެކެވުނެވެ. ނަމަވެސް ދައްތަ އަށް 15 މިނެޓް ވަންދެން CPR ދޭންޖެހުނު ކަމަށާއި ހިތުގެ ވިންދު ނުލިބޭނީ އިންޓިއުބޭޓް ނުކުރެވިގެން އުޅޭ ވާހަކަ ވެސް އެންގިއެވެ. ދެން ލިބުނީ ދައްތަ ނިޔާވިކަމުގެ ހަބަރެވެ.
  • ދައްތަގެ ކޮވިޑް ރިޒަލްޓް ޕޮޒިޓިވް ވި ވާހަކަ ދައްތަ ކައިރީގައި ބުނުމާއެކު ޕޭޝެންޓް ވަރަށް ބޮޑަށް ސަކަރާތްވި ވާހަކަ ޑޮކްޓަރަކު ބުނި އަޑު އާއިލާގެ މީހަކަށް ވަނީ އިވިފައެވެ. އަދި އާޢިލާ މީހަކަށް ޑރ. މޫސާ ހުސައިން ހޮސްޕިޓަލްއިން ނިކުމެގެން ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނިކޮށްވެސް ފެނުނެވެ. ނަމަވެސް އޭނާއަށް ނުގުޅިގެން އުޅުނު ވާހަކަ ވެސް ER އިން ވަނީ ބުނެފައެވެ.
  • ދައްތަ ނިޔާވި ގަޑިއަށް އަކަށް މަރުފޯމްގައި ވަނީ 23:12 މިނިޓްއެވެ. ދައްތަ ER އަށް ގެންދެވުނީ ހަވީރު 16:30 ހާއިރުއެވެ. އެހުރިހާ އިރެއްވީއިރު ވެސް އެއްވެސް ފަރުވާ އެއް ނުދީ ކޮވިޑް ނަތީޖާއަށް ބެލުމަށް ފަހު ނަތީޖާ ޕޮޒިޓިވް ވީ ވާހަކަ ބުނުމުން ދައްތަ އަށް ކާޑިއެކް އެރެސްޓެއް އައި ކަމަށްވެސް އަޅުގަނޑުމެންގެ ނުވިސްނޭ ހިތްތަކަށް ހީވިއެވެ. ދައްތަ ނިޔާވެފައި އޮތްއިރު އަނގައިގެ އެއްފަރާތުން ވަރަށް ބޮޑަށް ކަނޑައިގެން ގޮސް އެނެސްތީސިއާ ކަމަށް ލަފާ ކުރެވޭ އެއްޗެއް އަނގައިގެ ދެ ކަނުން އަރާފައި ހުރުމުން، ވެސް އަޅުގަނޑުމެންގެ ނުވިސްނޭ "މެޑިކަލް ބެކްގްރައުންޑެއް" ނެތް ބަޔަކު ހިތަށް އަރަނީ އެނެސްތީސިއާ އޯވަ ޑޯޒްވުމުގެ ސަބަބުން ދިމާވިކަމެއް ނޫންބާވައެވެ.

ދައްތަ ކުރިން ތަކުރާރުކޮށް ދައްކާ ފައިވާ ވާހަކަ ތަކަށް ބިނާ ކުރާނަމަ، އޭނާ ނިޔާވެގެން އެދިޔައީ ކޮވިޑް19 ޖެހޭ މީހުންނާ މެދު ހޮސްޕިޓާތަކުން ކަންކުރާ ކަމަށް ދެކެވިފައިވާ އެންމެ ދެރަވަރު ގޮތަށެވެ. ނަމަވެސް އަދި އަޅުގަނޑުމެންނަށް ދައްތަގެ ޑެތް ސަމަރީ ނުލިބޭނީ ER ތެރޭގައި ދައްތައަށް ފަރުވާ ދެވުނު ގޮތުގެ މާބޮޑު ތަފްސީލެއް ނުލިބެއެވެ.

"އަޅުގަނޑުގެ ދައްތައަކީ ހަތަރު ކުދިންގެ މަންމައެއް. ސްކޫލަށް ދާ ކުޑަކުޑަ ދެ ކުދިން ހިތާމައާއި ހިތްދަތިކަމުގައި ރޮއެރޮއި އެބަތިބި. މިދިމާވީ ކުއްލި ހިތާމަވެރި ހާދިސާގެ ސަބަބުން މުސްކުޅި މަންމައާއި ބައްޕަ އަދި މުޅި ޢާއިލާ މިވަނީ ހިތާމައިގެ ކަފުނެއްގެ ތެރޭގައި. އަޅުގަނޑުމެންގެ ހިތުގެ ޙާލު ދެނެވޮޑިގެންވަނީ ﷲ . އަޅުގަނޑުމެންނަށް ލިބިފައިމިވާ ހިތާމަ އިތުރަށް ބޮޑުވެގެން މިދަނީ މުޖްތަމަޢު ތެރޭގައި ދެކެވެމުން މިދާ ޙަޤީޤަތެއްނެތް ވާހަކަތަކާ، ADK ހޮސްޕިޓަލާ އަދި IGMH އިން ދައްތައަށް އިހްމާލްވެފައިވާ ކަމުގެ އިޙްސާސްތައް ކުރެވޭތީ.. އަޅުގަނޑުމެންގެ ވެސް އިޙްމާލް އެބައޮތް. . ADK އަށް ނުދައްކާ IGMH އަށް ދެވުނު ނަމަ މާބޮޑު އަޅާލުމެއް، ފަރުވާއެއް ނުލިބުނަސް ކޮވިޑްއަށް ޓެސްޓް ކުރެވުނީސް” އަދުހަމްގެ ސިޓީގައި އިތުރަށް ބުނެފައިވެއެވެ.

ސިޓީގައި އަދުހަމް އެދިފައިވަނީ ދައްތަ ނިޔާވެގެން ދިއުމުގައި އޭޑީކޭ ހޮސްޕިޓަލުން ކަންކޮށްފައިވާ ގޮތް ބައްލަވާދެއްވުމަށާއި އަދި ޑަބްލިއުއެޗްއޯ އާއި އެޗްޕީއޭ އިން އިން މި ބަލިމަޑުކަމުގެ ތެރޭގައި ހޮސްޕިޓަލް ތަކުން ފަރުވާ ދޭނެ ގޮތުގެ ސްޓޭންޑަރޑް ނޫނީ ޤަވާޢިދެއް އެކުލަވާލާފައި ވާނެތީ، ރާއްޖޭގެ މިހާ ބޮޑު ނަން މަޝްހޫރު ހޮސްޕިޓަލަކުން އާންމު އުޞޫލާ އަދި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެވިފައިވާ ދަނޑިވަޅެއްގައި މިހުރިހާ އުޞޫލުތަކާ ޚިލާފަށް ދިވެހި ފަސްގަޑުގައި ދިވެހި ދައުލަތުގެ ގާތްގަނޑަކަށް ހިލޭ ބިމެއްގައި ތިބެ ހޮސްޕިޓަލް ހިންގަމުންދާ އުޞޫލު މުރާޖަޢާކޮށް ބައްލަވައި ދިނުމަށެވެ.

މީގެ އިތުރުން، މީހެއްގެ ނޭވާ ހުސްވެ ނޭވާ ހޮޅިއަށް އެޅޭ އިރުވެސް ކޮވިޑް ރިޒަލްޓް ނުލިބޭ ހާ ހިނދަކު ބޭސްފަރުވާއިން މަޙްރޫމް ކޮށްފައި އޮތުމަކީ އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯ އަދި ކޮވިޑް ޓާސްޓްފޯހުން ނިންމަވާފައިވާ ގޮތްތޯ ބައްލަވައި ދެއްވައި މިފަދަ ލާ އިންސާނީ ކަންކަން ތަކްރާރު ނުވާނެގޮތަކަށް ކަންކަން ރާއްވަވާ ދެއްވާ، ކަންކަން ހިނގާނުހިގާގޮތް ބައްލަވާ ދެއްވާ ނުފޫޒް ކުން އެއްކިބާވެ، އިންސާނިއްޔަތުކަން އިސްކުރައްވާ މިކަން ބައްލަވާ ދެއްވުމަށް ސިޓީގައި ވަނީ އެދިފައެވެ.

ހުޝާމާ އަކީ ސ. އަތޮޅު ތައުލީމީ މަރުކަޒުގެ ދުވަސްވަރުގައި އައްޑޫގެ ގިނަ ދަރިންތަކަކަށް ކިޔަވައި ދެއްވެވި ޚިދުމަތްތެރި މުދައްރިސާއެއް ކަމަށް "އޭއޯނިއުސް" ގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ލޮލްލޮލް

    ވަރަށް ދެރަ ކަންކަން. އިންސާފް ލިބޭނެ ކަމަށް އުއްމީދުކުރަން

    78
    1
  2. ވޭދަނަ

    ޓެސްޓް ހަދަނީ ކަމަކު. ފަރުވާ ދެވެން އިނގޭނީ ޓެސްޓް ތަކުގެ ނަތީޖާ ލިބުމުން.

    2
    26
    • މަބަލްދީބް

      ޓެސްޓުތަކުގެ ނަތީޖާ ލިބުނީމަ އަސްލު ދޭންޖެހޭ ފަރުވާ އެނގޭނީ.އެކަމަކު އޭގެ މާނައަކަށް ނުވޭ ބޭސިކް ފަރުވާ ނުދޭށެކޭ. ޑޮކްޓަރުންނާއި ނަރުހުން ވަށާލާފައި ތިބިތަނެއްގައި މިފަދަ ކަމެއް ދިމާވުން އެއީ ވަރަށް ދެރަވަރުގެ ކަމެއް.

  3. Anonymous

    މި ސަރުކާރުގަ އައިޖީއެމް އެޗް އަކީ އޭޑީކޭ އަށް ފައިސާ ހޯދައި ދޭ ވަސީލަތަކަށްވަނީވެފަ.! ނާޝިދަށް ލިބޭ ލައިރިގަނޑަ މަދުކަމުން.!!އަމީން އުޅުއްވަނީ ކޮޓަރި ކޮޅު ނުހެދިގެން!! މިއީ ބޮލަށް ކަނޑާ ސަރުކާރު!! އެއްވެސް ކަމެއް ގަ ޒިންމާއެއް ނުނަގާނެ! ފަރުވާކުޑަކުރުމުގައި ހައްދުފަހަނަޅާފައިވާ ދެ ހޮސްޕިޓަލް ތީ!!!

    26
    3
  4. ހަސަނު

    ހާދަ ހިތާމަވެރި ހަބަރަކޭ. ރާއްޖޭގެ ހުރިހާ ކަމެއްވެސް ހަމަ ހިފަދަ ހާލެެއްގަ. އެއްވެސް ކަމެއްގަ ތެދުވެރިކަމެއްނެތް. ތިކަމަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާކަމެއް ހުއްޓާނުލާ ކުރުމަށް އެދެން. ވަރަށް ދެރަވެއްޖެ މިހަބަރު ކިޔާފަ.

    19
    2
  5. ވަަގު ވޯޓް

    2018ގެ ވޯޓް އޮޅުވާލުމުގެ ހިތާމަ މުޅިގައުމަށް .. ނާގާބިލު ސަރުކާރު

    24
    9
  6. Anonymous

    އިންޓަރނޭޝަނަލް ކޯޓަކަށް ހުށަނާޅައި މިގައުމު ގައި އެއްވެސް ކަމަކަށް އިންސާފެއް ނުލިބޭނެ. މީ ޒިންމާއިން ރެކޭ ސަރުކާރު. މީހަކު މަރުވީމަ އެމަރުވި މީހާގެ ބޮލުގައި ޱިންމާ އެޅުވީމަ އެހެރީ އިންސާފު ލިބިފާ! އެއީ މި ސަރުކާރުގެ ފެންވަރު.

    24
    2
  7. ޢަބްދުލްމުހައިމިން

    ދައްތަ އަށް ހެޔޮ ރަޙްމަތް ލައްވާ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން

    29
  8. ބޯގޯސް

    ޢިންސާފުގެ ވާހަ ކަ މިތާ ދެއް ކުމައްވުރެ ރަނގަޅުވާނީ ނުދެއް ކިއްޔާ މިގައުމުގަ ހިނގާ ކަން ކަމުގެ އިންސާފު ލިބޭނީ މަހުސަރު ބިމުގަ

    21
  9. ފާތުމަ.

    ތީ ފަހުވަގުތު އައިޖީއެމައެޗް އަށް ދިޔައީމާ ވީގޮތް.އެއްވެސްމީހަ ކާ ކޮންޓެ ކްޓު ނުވާމީހެއްގެނަތީޖާ ކޮވިޑަށް ޕޮޒިޓިވް ވުމަ ކީ ސުވާލުއުފެދޭ ކަމެއް.ދެން އައިޖީއެމްއެޗުން ކޮވިޑު ނަތީޖާލިބެންދެން ފަރުވާނުދީ ބޭއްވުން މީ މި ކަމުގައި އޮތް އެންމެބޮޑު އިހުމާލު.ފަހުވަގުތުވެސް އޭޑީ ކޭ އަށް ދިޔަނަމަ ފަރުވާ އަވަސްވެފަ ފުރާނަސަލާމަތް ވުމުގެ ފުރުސަތުބޮޑު.އަހަރެންގެ ބަފައިބެއަށް ވީ މި ކަހަލަގޮތެއް.އެއީވެސް ހިތުގެ މައްސަލަހުރި މީހެއް. ހިތުގެއެއްފަޅި މަސައް ކަތް ނު ކުރޭ. ކޮންމެފަހަރަ ކު އޭޑީ ކޭ އަށް ގެންގޮސްގެން އަވަސް ފަރުވާލިބިގެން ރަނގަޅުވެގެން ދޫ ކޮއްލަނީ.އެންމެފަހަރަ ކުކު އައިޖީއެމްއެޗް އަށް ގެންދިޔައީ.އެފަހަރު 4 ގަޑި އިރުވީ އިރުވެސް އެއްވެސް ފަރިވާއެއްނުދޭ.ފަހަރަ ކު މީހަކު އައިސް ވީ ކީއްތޯ އަހާ.އެންމެފަހުން އެތަނުން ނެރެންޖެހުނީ ފުރާނަނެއް މަސްގަނޑު. މިއަދާ ހަމައަށް ވެސް އައިޖީއެމްއެޗްމަށް ދެވުނީތީވެ އެ ކަމާ ހިތާމަ ކުރަން.

    12
  10. Anonymous

    ހަމަ ރޮވިއްޖެ.
    މަރްޙޫމާގެ ފާފަ ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާށި އާމީން.
    އަދްހަމާއި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ އާމީން.
    އަދްހަމް ތިޔައީ ވ. ހެޔޮވިސްނި ވަޑައިގެންނަވާ ހިތްތިރި ކެތްތެރި ބޭފުޅެއް. މީޑިޔާއަށް ތިޔަކަން ތިލަކޮށް ދެއްވީތީ ހާސް ފަށުން ޝުކުރިއްޔާ.
    ދައްތަ އެނބުރި މިދުނިޔެއަށް ނާންނާނެކަން އެނގިވަޑައިގަންވާއިރު ތިޔަ ސަލާމަތް ކޮށްދެވުނީ އެތައް ދައްތައަކާއި ބޭބެއާއި ކާފަޔާއި މާމައާއި މަންމަ އާއި ބައްޕަ އަދި އެތައް މަޢްސޫމް ކުދި ޅަދަރިން ކޮޅެއްގެ ފުރާނަ. ނޫނީ ފަރުވާ ދިނުމުގައި އިޙްމާލްވަމުން އައި ފަރާތްތަކެއްގެ ލޯހުޅުވާލަ ދެއްވުނީ. ޝުކުރިއްޔާ އަދްޙަމް. ލޯބިވާ ދައްތައަށް އޮތްލޯބި ދައްތަގެ ކުދިންކޮޅަށް ދެއްވާ ،ހެޔޮލަފާ ޞާލިޙް ކުދިން ނަށް އެކުދިން ވޭތޯ މަސައްކަތްޕުޅު ކުރަށްވާ. އެއްބަނޑު މީހުންގެ ދަރިންނަކީ އަމިއްލަ ދަރިން ފަދަ ބައެއް. ދެދުނިޔޭގައިވެސް ﷲ ތިބާއަށް ރަޙްމަތްލައްވަށި އާމީން

    22
  11. ލޮބީ

    ސޯ ސޭޑް.

    12
  12. ޢަލީ

    ހިތްްވަރުކުރޭ ދަރިޔާ.....ދައްތައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން. އަދި އެ މައުސޫމު ކުޑަ ކުދިންނަށް އުފާވެރި ރައްކާތެރި މުސްތަޤްބަލެއް މިންވަރު ކުރައްވާށި.....ދޮންކަލޯ، މި ދުނިޔޭގައި އިންސާފު ނުލިބުނަސް ހަމަ ޔަޤީނުންވެސް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ....މަޙްޝަރުގެ މައިދާނުގައި ކީރިތި ﷲ ގެ ދަރުބާރުގައި.....އެކަލާނގެއީ ހުރިހާ ކަމެއް މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެ....

    25
  13. ކޮވިޑް

    ކޮވިޑް ???? ކޮވިޑް ???