ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހަންމަލު ކުރަމުންދާ މީހުންނެވެ. އެކި އުމުރުފުރާގެ މީހުން އައިސޮލޭޓް ކުރާ އިރު، ހައި ރިސްކް ނުވަތަ އެ ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްކަން ދެއެވެ.

އެކަމަކު، ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ޝަކުވާ ކުރީ ހައި ރިސްކް މީހުން އެކަހެރި ނުކުރުމާއި ޓެސްޓް ކުރުން ލަސްވުމާއި ޓެސްޓްގެ ނަތީޖާ ނުލިބި ލަސްވެގެންނެވެ. އެފަދަ ކަންކަން ދިމާވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުންނާއި ބޮޑެތި ބަލިތަކަށް ބޭސް ކުރަމުން އަންނަ މީހުން ވެސް ހިމެނެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެ ބައްޔަށް ފައްސިވާ މީހުންނާއި އެ މީހުންނާ ބައްދަލުވާ މީހުން އެކަހެރި ކުރުމުގައި ދަތިތައް ދިމާވާކަން އެޗްޕީއޭ އިން މީގެކުރިން ފާހަގަކުރެއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިތައް ދިމާވެ، އެކަމުގެ ސަބަބުން ބަލި ޖެހޭ މީހުންނާއި އެމީހުންގެ ކޮންޓެކްޓުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ދަތިވާ ކަން އެޗްޕީއޭ އިން ފާހަގަ ކުރެއެވެ.

އޭގެތެރެއިން އެއް ބަޔަކީ މޫނިސާ އާދަމް (އަސްލު ނަމެއް ނޫން)ގެ އާއިލާއެވެ. އެ އާއިލާއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ފައްސިވިކަން އެނގުނީ މިދިޔަ ހަފްތާގައެވެ. އެ އާއިލާއިން ފުރަތަމަ ކޮވިޑް-19 އަށް ފައްސިވި ޒުވާނާއަކީ ޔުނިފޯމް އެޅި މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހެކެވެ.

އެ އާއިލާ މީހަކު "ވަގުތު" އަށް ކިޔައި ދިން ގޮތުގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސި މީހަކު އެ އާއިލާގައި ހުރިކަން އެނގުމާއެކު އެ ގޭގައި ދިރިއުޅުނު އެންމެން ޓެސްޓުކޮށްދިނުމަށް އެޗްޕީއޭގައި ވަނީ އެދިފައެވެ. އެ ގޭގައި އުމުރުން ދުވަސްވީ ދެމަފިރިއަކުވެސް ތިބުމާއެކު ވީހާވެސް އަވަހަކަށް ޓެސްޓުކޮށްދިނުމަށް އެދެމުން އައިކަން މޫނިސާ ވަނީ ފާހަގަކޮށްފައެވެ.

"ތަކުރާރުކޮށް ގުޅިން އާދޭސް ވެސް ކުރިން ޓެސްޓު ކޮށްދޭން. އެންމެ ފުރަތަމަ ފައްސިވީ ބޭބެ،" އެމީހާ ކިޔައި ދިނެވެ.

އެކަމަކު ފައްސިވި މީހަކާ ގާތުން ބައްދަލުވި ހައި ރިސްކް ބަޔަކު ޓެސްޓު ނުކުރަންވީ ސަބަބު ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

" އަަސްލު އަހަރުމެން ނޫނަސް ޕޮޒިޓިވް މީހުންނާ ބައްދަލުވި ހައިރިސްކު އެތައް ބަޔަކު އެބަ ތިބި ޓެސްޓު ނުކުރެވިފައި. ސުވާލު ކުރަން ބޭނުންވޭ އެބަ ކީއްވެހޭ އެހެން ކަންތައް ކުރަނީ. ޓްވިޓާއިން ރެންޑޮމް ސާމްޕަލް ތަނެއް ހޯދައިގެން އެތަނަށް ގޮސް މާމަ އާއި ކާފަ ޓެސްޓު ކުރި އިރު މާމަ ޕޮޒިޓިވް. އެއީ އިއްޔެ ނޫން އޭގެ ކުރީ ދުވަހު. ކާފަވެސް ފުއްޕާމޭގެ މައްސަލަ ހުރޭ. ކާފަވެސް އައިސޮލޭޓް ނުކުރޭ، ކޮންޓެކްޓް ޓްރޭސިންވެސް އަދިވެސް ނަހަދާ،" އޭނާ ބުންޏެވެ.

އެމީހާ ކިޔައި ދިން ގޮތުގައި ޓެސްޓް ނުކުރި މައްސަލައިގައި ތަކުރާރުކޮށް އެޗްޕީއޭ އަށް ގުޅުމުން ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. އެ ޖަވާބަކަށްވީ އެމީހާ ބުނި ގޮތުގައި އާއިލާ މެމްބަރުންގެ ގައިން އަލާމާތްތައް ނުފެންނާތީ ޓެސްޓް ނުކުރަން ނިންމުމެވެ.

އެ އާއިލާގެ މާމަ ކޮވިޑް-19 އަށް ފައްސިކަން މިހާރު އެނގިފައި ވާއިރު، އޭނާ އާއި ބައްދަލުވި މީހުންގެ ތެރޭގައި މޫނިސާ ވެސް ހިމެނެއެވެ. މޫނިސާ މިވަގުތު އިނީ ބަލިވެއެވެ. އެހެންކަމުން އޭނާ އަކީވެސް ހައިރިސްކު މީހުންގެ ތެރޭގައި ހިމެނޭ މީހެެކެވެ.

މޫނިސާގެ ގައިން މިހާތަނަށް ބަލީގެ އަލާމާތެއް ނުފެނުނު ނަމަވެސް އޭނާގެ ފުރާވަރުގެ އަންހެން ކޮއްކޮގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. އެ ގޭގައި މޫނިސާގެ މަންމަވެސް ދިރިއުޅެއެވެ.

އަދި އެންމެ ފުރަތަމަ ބަލި ޖެހުނު ފިރިހެން މީހާގެ އަނބިމީހާ އަށް ވެސް ކޮވިޑް-19 ޖެހިފައިވާތީ އެ ދެ މީހުންގެ ދެ ކުދިން މިހާރު ވަނީ ވަކިން އެހެން ތަނަކަށް އާއިލާގެ ފަރާތުން ބަދަލުކޮށްފައެވެ.

އެ އާއިލާގެ އެއްވެސް މީހެއްގެ ޓެސްޓެއް މިހާތަަނަށް ވެސް ނުހަދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިން ވެސް ނުހަދާކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަހުމަދު

    ގިނަ މީހުން ފައްސިވީމަ
    1. ޓެސްޓް ކުރުން ލަސްވާނެ
    2. ފަރުވާ ހޯދުން ލަސްވާނެ.

    ރާއްޖޭގެ ހެލްތް ސިސްޓަމްއަ ކީ ކުޑަ އަދި ލީޑާޝިޕް މިބައްޔާ މެދު ފިޔަވަޅު އަޅަން ބަލި ކަށި ބައެއް. ގޭގަ މަޑު ކުރޭ.

    މިވެރިކ ކަން ބަދަލުވީމަ ރާއްޖެއަށް މިބަލި އެތެރެ ކުރިކ ކަމަށް މަރުގެ ކޮމިޝަންއަށް މައްސަލަ ވެއްދުން. ބޮޑު ލޮ ކްޑައުންގެ ކުރިން އިނގިރޭސި ވިލާތުން ގެނައި މީހުންގެ މާލެތެރެއަށް ދޫ ކުރީތީ މިބަލި ފެތުރުނީ. އިމިގްރޭޝަން ރެ ކޯޑް ފޮހުލުމުގެ ކުރިން މައުލޫމާތު އެވިޑަންސްއަށް ރައް ކާކު ކުރޭ.

    20
    1
  2. ?

    ?

    5
    1
  3. އަޙްމަދް

    ރާގު: ބުޅާކަލޯ ނާދޭ.
    —————————————-
    ކޮވިޑު ކަލޯ ނާދޭ މިގޭދޮށައް ނާދޭ
    މިގޭ ކުދިން މާސްކު އަޅާ ސެނެޓެއިޒަޅު އުނގުޅާނޭ.
    ކޮވިޑު ކަލޯ ނާދޭ މިގޭދޮށައް ނާދޭ .

    3
    1
  4. ބަރުމާ

    ގެއަކުން މީހަކަށް ކޮވިޑްޖެހުނުކަން އެނގޭ ހިސަބުން އަވަހަށް އެމީހާ ދުރުކޮށްދޭނަމަވެސް އެއީ ބޮޑުވަރެއް ވެވުނީ އެކަމަކު އެމީހާ ގެންދަނީ 3،4ދުވަސްފަހުން ގޭތިބި އެންމެންނަށް ޖެހުނީމާ

    17
    1
  5. ކޮވިޑް މެކުހަށް

    ރާއްޖޭގައި ކޮވިޑް މެކުހަށް ޖެހީމައި، މިހާރު ކޮވިޑް އަޕްޑޭޓްސް ބަލާހިތް ވެސް ނުވެއެވެ. ރައްކާތެރި ކަމުގައި އުޅެވޭތޯ ބެލުން ނޫންގޮތެއް ނެތެވެ. މިކަމުގައި ޞިއްޙީ ޚިދުމަތުގައި އުޅުއްވާ ބޭފުޅުންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަމެވެ. މިޝުކުރުގައި ހެލްތް މިނިސްޓަރ އަމީން ވެސް ބައިވެރި ކުރަމެވެ.

    6
    13
  6. ނަ

    ކޮވިޑު އަކީ ސަރުކާރުން ފަތުރާއެއްޖެ އެހެންވީމާއަޅައެއްނުލާނެ

  7. ނަވ

    ކޮވިޑު އަކީ ސަރުކާރުން ފަތުރާއެއްޖެ އެހެންވީމާއަޅައެއްނުލާނެ

  8. އަރީ

    އަލާމާތެއް ނެތަސް ފައްސިވާނެ ބަލަގަ %99 މީހުން ފައްސިވަނީކީ އަލާމާތެއް ހުރެގެނެއްނޫން. ފައްސިވަނީ ޓެސްޓް ކުރީމަ. މައްސަލަ އުޅެނީ ކިޓްގަ ދެން އެޗްޕީއޭގަ.

  9. ސިކުނޑި

    މޫނިސާއަށް އެހެން ދިމާވީތީ ހިތާމަ ކުރަން! އެކަމަކު މި ބަލީގެ ގޮތުން މީހަކާ ދިމާވެގެން ކޮވިޑް ޖެހުނަސް ފުރަތަމަ 5 ދުވަހު ނޭނގޭނެ ކަމަށް އެބުނަނީ! އެމުއްދަތު 10 ދުވަސްވެސްވޭ! އެހެންވެ ހަމަ ދިމާވާ ދުވަސް ނޫނީ ޖެހިގެން އަންނަ ދުވަހު ޓެސްޓު ނުކުރަނީ! ހުރިހާ ބޭފުޅުންވެސް މައުލޫމަތު ހޯދައި ކަމާބެހޭ ފަރާތްތަކުން އަންގާ ގޮތަށް އަމަލު ކުރުން ވަރަށް މުހިންމު މިދަނޑިވަޅުގައި! ސިކުނޑި ބުނާނީ މި ކަމުން އަރައިގަންނަން އެންމެން ގުޅިގެން މަސައްކަތް ކުރަމާ ހިނގާށޭ!

  10. އެމަންޖެ

    މިހާރު ކޮންޓެކުޓް ޓުރޭސިން އަމިއްލަޔައްހަދާ ދެން ޓެސްޓުހަދަން ބޭނުމިއްޔާ ހޮސްޕިޓަލަކައްދޭ އޭރުން ޓެސްޓު ނުހަދައެއް ނުވާނެ.

  11. އަހްމަދު

    އެޗްޕީއޭ އަށް ގުޅުމުން ބައެއްފަހަރު އެމީހުން ވާހަކަ ދައްކަނީ ވަރަށް ހަރުކަށިކޮށް އަދި ބައެއްފަހަރު ހީވޭ އެމީހުން ބުނާހެން ކީއްކުރަންހޭ މިތަނަށް ތިގުޅަނީ!
    ހުރިހާދިމާލަކުންވެސް ފެންނަނީ ރުޅިވެރިކަން، މަކަރާ ހީލަތް، އޮޅުވާލުން، ފަރުވާކުޑަކަން ހިޔާނަތް ތެރިކަން! މިކުޑަކުޑަ ރައްޖެއިން މިކަން މާރަނގަޅަށްވެސް މިކަން މެނޭޖް ކުރެވޭނެ. 2000 މީހުން ފައްސި ވިއިރު 1 ބިލިއަން ދުއްވާލައިފި! ނަތީޖާ ސުމެއްކުން ސުމެއް! މިހާރު އަދި ކިރިޔާ މިފެންނަނީ ބޮޑުމަންޒަރު! މީވެސް ބަޔަކު މީހުން ގަސްތުގައި ގެނައި ޙާލަތެއް!!!!!

  12. ހަމް

    ހަދަން ވެގެން އެދުނަސް ހަދައެއް ނުދޭ...

  13. ސަޓޯ

    ފިތިބާރުވެފަ އޮތްް ތަނެއް މިއީ... ވަސީލަތްމަދު ކުޑަގައުމެއް... ހަރުދަނާ ވެރިންނެއް ނެތް... އެހހީއަށް ދިން ހުރިހާ ފައިސާއެއް ކައިފި.. ޓޫރިޒަމް ބަންދު އާމްދަނީ ބަންދުވީ... އަހަރެމެންގެ ދުވަސް ގޮއްސި... ދެރައީ އަދިވެސް ޓީވީއަށް އަރާފަ ވޯޓުދޭނެކަމަށް ފޮނިކަނޑާތި... އަންނި މަޖުލިސް ހުޅުވައިގެން ހާޖާނު ހެދީ... ދެން އާނމުން ވަކި މަޑުން ތިބޭނެތަ ؟؟؟؟