ހއ. އިހަވަންދޫ ސްކޫލަށް ހާޒިރުވާންޖެހޭ ދަރިވަރުންގެ ތެރެއިން މިއަދު އެ ސްކޫލަށް ހާޒިރުވެފައިވަނީ 25 އިންސައްތަ ކުދިން ކަމަށް އެ ސްކޫލުން ހާމަ ކޮށްފިއެވެ.

އެ ސްކޫލުން މިގޮތަށް ބުނިއިރު، އެރަށުން ކޮވިޑް-19ގެ ވޭދަނަތައް (ކޭސްތައް)ފެނުމުން އެރަށް ކުރިން ދެ ފަހަރެއްގެ މަތިން އޮތީ މޮނީޓަރިންގގައެވެ. އެހެންވެ މިދިޔަ ހުކުރު ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެރަށް މޮނީޓަރިންގގައި އޮތުމުން އެރަށު ސްކޫލް ނުހުޅުވާ ގޮތަށް ހަމަޖައްސާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގ ހާލަތުގައި އޮންނަ ރަށްތަކުގެ ސްކޫލްތައް ނުހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެރަށު ރައްޔިތުން ބޭނުންވީވެސް އެ ރަށު ސްކޫލްތައް ނުހުޅުވާ ގޮތަށް ހަމައްސާށެވެ.

އެހެން ނަމަވެސް، ފަހުން އެރަށުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ނިންމައި ރަށް ހުޅުވާލިއެވެ. އެހެން ނަމަވެސް ގެއިން ބޭރަށް ނުކުންނައިރު، މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އިހަވަންދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަބްދުއްސަމަދު ވިދާޅުވީ، މިއަދު ސްކޫލް ފެށުނު ގަޑީ އެރަށަށް ވަރަށް ބޮޑަށް ވިއްސާރަ ކުރި ކަމަށާއި ބެލެވޭ ގޮތުގައި ސްކޫލަށް ކުދިން އައުން މަދުވެފައިވަނީ އެ ސަބަބާއި ހުރެ ކަމަށެވެ. މީގެ އިތުރުންވެސް ކޮވިޑް-19ގެ ބިރުވެރިކަމުގެ ސަބަބުންވެސް ކުދިން ސްކޫލަށް ފޮނުވުމުގައި ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާހަގަ ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަބްދުއްސަމަދު ވިދާޅުވީ، އެ ސްކޫލަށް މިއަދު ހާޒިރު ވެފައިވަނީ 65 ދަރިވަރުން ކަމަށާއި އެދަރިވަރުންނާއި އެކީ ސްކޫލްގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އިހަވަންދޫގައި ހޯމް ކަރަންޓީން ކޮށްފައިވާ ގެތަކުގައި ދިރިއުޅޭ ދަރިވަރުން ނޯޓު ކުރުމަށް ހުޅުވާލުމާގުޅިގެން ޖުމުލަ 42 ދަރިވަރުން ނަން ނޯޓު ކޮށްފައިވާ ކަމަށެވެ. އަދި 12 ޓީޗަރުން ހޯމް އައިސޮލޭޝަންގައި ތިބިކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އިހަވަންދޫއިން ކޮވިޑް-19 އަށް ފަސް މީހަކު ފައްސިވުމާއި ގުޅިގެން އެފަރާތްތަކާއި ދިމާވެފައިވާ 100 އަށްވުރެ ގިނަ މީހުން ހޯދައި އެރަށު 37 ގެއެއް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

އިހަވަންދޫ ސުކޫލުން ނިންމާފައި އޮތީ އެރަށް ކަރަންޓީނުން ނެގިކަމުގައި ވިޔަސް، އެރަށުގެ ގިނަ ގެތައް ކަރަންޓީން ކޮށް، ގިނަ އަދަދެއްގެ މުދައްރިސުން ވެސް ކަރަންޓީންގައި ވާތީ، މިއަދު ގްރޭޑް ހަތެއް އިން ފެށިގެން މަތީ ގްރޭޑްތައް ސުކޫލަށް ހާޒިރުވާން ޖެހޭ ގޮތަށެވެ. އަދި ކީސްޓޭޖް 1 އަދި 2ގެ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮންނެވެ.